ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 16:15
މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ގައުމީ ވޮލީބޯޅަ މުބާރާތުގެ ތެރެއިން
މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ގައުމީ ވޮލީބޯޅަ މުބާރާތުގެ ތެރެއިން
މިހާރު
ވޮލީބޯޅަ މުބާރާތްތައް ބޭއްވުން
ހުއްދަ ލިބުނުހާ އަވަހަކަށް ވޮލީބޯޅަ މުބާރާތްތައް ބާއްވަން ތައްޔާރު: ކާއްޓޭ
ކޮވިޑް-19 އާ ގުޅިގެން މި އަހަރުގެ އެއްވެސް މުބާރާތެއް އަދި ބާއްވާފައެއް ނުވޭ
އެންމެ އަވަހަށް މުބާރާތެއް ބޭއްވޭނެ ކަމަށް ލަފާ ކުރަނީ އަންނަ އަހަރުގެ ކުރީކޮޅު

ކޮވިޑް-19 އާއި ގުޅިގެން ވޮލީބޯޅަ ކަލަންޑަރާ އެއްގޮތައް މުބާރާތްތައް ނުބޭއްވުނެއް ކަމަކު، މުބާރާތްތައް ބޭއްވުމުގެ ހުއްދަ ކަމާ ބެހޭ އިދާރާތަކުން ދިންހާ އަވަހަށް ކަލަންޑަރުގައި ދެން ބޭއްވެން ހުރި މުބާރާތްތައް ބާއްވަން ތައްޔާރަށް އޮތް ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންޓަރިމް ކޮމިޓީގެ މެންބަރު މުޙައްމަދު ސާޖިދު (ކާއްޓޭ) ވިދާޅުވެއްޖެ އެވެ.

މި އަހަރު ވޮލީބޯޅައިގެ މުބާރާތްތަކުގެ ތެރެއިން ބޭއްވީ ޖެނުއަރީ މަހު ބޭއްވި ގައުމީ ވޮލީބޯޅަ ލީގާއި ގައުމީ ވޮލީބޯޅަ މުބާރާތެވެ. އެ މުބާރާތްތަކަކީ މިދިޔަ އަހަރުގެ މުބާރާތްތަކެވެ. މި އަހަރުގެ ވޮލީބޯޅަ ސީޒަން ފަށަން ކަނޑައަޅާފައި އޮތީ މާޗް މަހު އިންޓަ ސްކޫލް މުބާރާތުންނެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މި އަހަރުގެ އެއްވެސް މުބާރާތެއް އަދި ބާއްވާފައެއް ނުވެއެވެ.

"ރާއްޖެޓީވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކާއްޓޭ ވިދާޅުވީ ކުރިން ރޭވިފައި އޮތް ގޮތުންނަމަ މި އަހަރަކީ ވޮލީބޯޅައިގެ ގިނަ މުބާރާތްތަކެއް ރޭވިފައިވާ އަހަރެއް ކަމަށާއި، އެގޮތުން ކުލަބު ލެވެލުގެ އިތުރުން ގައުމީ ޓީމުވެސް މިއަހަރު ގިނަ މުބާރާތްތަކެއްގައި ވާދަކުރުމަށް ހަމަޖެހިފައި އޮތް ކަމަށެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ކަލަންޑަރުގައި ކުރިން ރޭވުނު ގިނަ މުބާރާތްތަކެއް ނުބޭއްވުނު ކަމަށާއި، އެގޮތުން ރިސޯޓު މުބާރާތާއި، އަތޮޅުތަކަށް ހުޅުވާލާއިގެން ބާއްވަން ހަމަޖެހިފައި އޮތް ޖަޒީރާ ޗެމްޕިއަންޝިޕް ވޮލީބޯޅަ މުބާރާތްވެސް ބޭއްވޭ ގޮތް ނުވެފައިވާ ކަމަށެވެ.

"ރާއްޖެޓީވީ" އަށް ކާއްޓޭ ދިން ހާއްސަ އިންޓަވިއުގެ ތެރެއިން

ކާއްޓޭ އިތުރަށް ވިދާޅުވީ ވޮލީބޯޅަ އަކީ އެހެން ކުޅިވަރުތަކާ ޚިލާފަށް އަތުން ކުޅޭ ކުޅިވަރަކަށްވުމުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތޮ ބޮޑު ކަމަށެވެ. އެކަމަކު ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް ކަމާ ބެހޭ އިދާރާތަކުން ހުއްދަ ލިބުނުހާ އަވަހަށް ވޮލީބޯޅަ މުބާރާތްތައް ބޭއްވުމަށް އިންޓަރިމް ކޮމިޓީން އޮތީ ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުން އަރައިގަނެ އެންމެ އަވަހަށް މުބާރާތެއް ބޭއްވުނަސް ބޭއްވޭނެ ކަމަށް ލަފާ ކުރަނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށާއި، މިހާރު އިންޓަރިމް ކޮމިޓީއިން އަންނަ އަހަރަށް ވޮލީބޯޅަ ކަލަންޑަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކަލަންޑަރުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި، ކަލަންޑަރު އެކުލަވާލާ އެއްކޮށް ނުނިމިވަނީ އެފްއައިވީބީ އާއި އޭވީސީގެ ކަލަންޑަރު އަދި ނުނެރޭތީ ކަމަށްވެސް ވިދާޅުވިއެވެ. އެކަމަކު ވޮލީބޯޅަ ކަލަންޑަރުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް ކާއްޓޭ ވިދާޅުވިއެވެ.

މި އަހަރު ކުލަބު ލެވެލްގެ އެއްވެސް މުބާރާތެއް ބޭއްވިފައި ނުވާއިރު، ރާއްޖޭގެ ޓީމުތައް މި އަހަރު ބައިނަލްއަގުވާމީ ފަސް މުބާރާތެއް ކުޅެން ހަމަޖެހިފައި އޮތެވެ. އެކަމަކު އޭވީސީންވެސް ވަނީ މި އަހަރުގެ މުބާރާތްތައް ފަސްކޮށްފަައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް