ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 13:28
ރ. އިންނަމާދޫގައި ކުޅިވަރާ ބެހޭ ވުޒާރާއިން އެޅި ފުޓްސަލް ދަނޑު
ރ. އިންނަމާދޫގައި ކުޅިވަރާ ބެހޭ ވުޒާރާއިން އެޅި ފުޓްސަލް ދަނޑު
ކުޅިވަރާ ބެހޭ ވުޒާރާ
ފުޓްސަލް ދަނޑުތަކުގެ މަސައްކަތް
އިންނަމާދޫގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ކޯޕައިންސް އިންވެސްޓްމަންޓްްސްއިން
މި މަސައްކަތަށް 1.387 މިލިޔަން ރުފިޔާ ޚަރަދުވެފައިވޭ

ރ. އިންނަމާދޫގައި ކުޅިވަރާ ބެހޭ ވުޒާރާއިން އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ދަނޑުގެ މަސައްކަތް ކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ހަވާލުކުރީ ކޯޕައިންސް އިންވެސްޓްމަންޓްްސްއާއެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރެވުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދަނޑުގައި ވަނީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓްވެސް ހަރުކޮށްފައެވެ.

މި މަސައްކަތަށް 1.387 މިލިޔަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

އިންނަމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލިކަން އިއުލާން ކުރައްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ސަބަބުތަކާއި ގުޅިގެން އެ ދަނޑުގެ މަސައްކަތް ލަސްވި ނަމަވެސް މިހާރު އެމަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އަދި ވަޒީރު ވަނީ މި މަސައްކަތް ކުރުމަށް އެ ރަށުގެ ޒުވާނުންނާއި، ކައުންސިލް އަދި އެރަށް ނިސްބަތްވާ އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަހްޙްމަދު ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

އިންނަމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލިއިރު، ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު އަންނަނީ ގިނަ ފުޓްސަލް ދަނޑުތަކެއް އަޅަމުންނެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތާއެކު މި އަހަރު ކުޅިވަރުގެ މަޝްރޫއުތަކަށް ކަނޑައެޅި 500 މިލިޔަން ރުފިޔާގެ ބަޖެޓުން 200 މިލިޔަނަށް ވުރެންވެސް ބޮޑު އެއްޗެއް އުނިކުރަން ޖެހުނު ކަމުގައި ވިޔަސް، އަވަސް މުސްތަގުބަލެއްގައި އެ ވުޒާރާގެ ގިނަ މަޝްރޫއުތަކެއް ނިމިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް