ކޮވިޑް-19ށް ފަރުވާ ކުރުމަށް ބޭނުންވާ ބޭސް އުފައްދާފައިވާ ކަމަށާއި، އެއީ އެކަމަށް އެންމެ މޮޅު ބޭސް ކަމަށް ކޮވިޑް-19ށް ދާދި ފަހުން ޕޮޒިޓިވްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ކޮވިޑަށް ފުރިހަމަ ފަރުވާއެއް ނުލިބެނީން ހޮސްޕިޓަލް ދޫކުރައްވާ ވައިޓް ހައުސްއަށް ވަޑައިގެންނެވި ފަހުން ޓްވިޓަރ މެދުވެރިކުރައްވާ ދެއްވި ވީޑިއޯ މެސެޖެއްގައި ޓްރަމްޕް ވިދާޅުވީ ވާރލްޑް ރީޑް މެޑިކަލް ސެންޓަރުން އަނބުރާ ވަޑައިގަންނަވާފައިވާ ކަމަށާއި، އެތަނުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ފުރަތަމަ އެހީދޭ ފަރާތްތަކަކީ ވަރަށް ހާއްސަ ބައެއް ކަމަށެވެ. އަދި ފަރުވާ ހޯއްދެވި ދުވަސްތަކުގައި ކޮރޯނާވައިރަސް އާއި ގުޅޭ ބައިވަރު ކަންކަން ދަސް ކުރެއްވި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ ވައިރަސް ތިމާ ކޮންޓްރޯލް ކުރުވިޔަ ނުދިނުމަށާއި، އެއީ ބިރު ގަންނަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެ ބައްޔާ ދެކޮޅަށް އަމިއްލައަށް ވެސް މަސައްކަތް ކުރެއްވިދާނެ ކަމަށާއި، އެކަމަށް ބޭނުންވާ އެންމެ މޮޅެތި އާލާތްތަކާއި ބޭސް އެބަހުރި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ މި ބޭސްތަކަކީ ކުރު މުއްދަތަކެއްގެ ތެރޭގައި އުފައްދާފައިވާ ބޭސްތަކެއް ކަމަށާއި، އޭގެ އެހީގައި ބައްޔާއި ހަނގުރާމަ ކުރެވިދާނެ ކަމަށެވެ.
ބަލީގެ ފަރުވާ ހޯއްދަވާ ފަރާތްތަކަށް ހިތްވަރު ދެއްވަމުން ޓްރަމްޕް ވިދާޅުވީ މީގެ 2 ދުވަސް ކުރިން ހާލުކޮޅު އެހާ ރަނގަޅު ނޫން ނަމަވެސް، މީގެ ކުރިން ހާލުކޮޅު ހުންނެވި ވަރަށްވުރެ މާ ބޮޑުތަނުން ވެސް ރަނގަޅުކަމުގެ އިހުސާސް ކުރެއްވޭ ކަމަށެވެ. އެގޮތުން މިހާރު އިހުސާސް ކުރެއްވެނީ މީގެ 20 އަހަރު ކުރިން ވެސް ހާލުކޮޅު ހުންނެވި ވަރަށް ވުރެ ރަނގަޅުކޮށް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ރައްޔިތުންގެ ލީޑަރުގެ ހައިސިއްޔަތުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، އެ ހުންނެވީ ކުރީ ސަފުގައި މަސައްކަތް ކުރައްވަން ނުކުންނަވާ ކަމަށެވެ. އަދި އެއީ ދުނިޔޭގެ އެއްވެސް ލީޑަރެއްގެ ފަރާތްޕުޅުން ފެނިވަޑައިނުގަންނަވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި ނުރައްކާތެރިކަން ދެނެވަޑައިގަންނަވާ ކަމަށާއި، ނަމަވެސް މިއީ ކުރައްވަން މުހިންމު ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވަނީ ބައްޔަށް އިމިއުން ކަމަށް ވެސް ވިދާޅުވެފައެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޓްރަމްޕް ހޮސްޕިޓަލުން ނުކުމެވަޑައިގެން ވައިޓްހައުސް އަށް ވަޑައިގެންނެވީ ބަލިން އެއްކޮށް ރަނގަޅު ނުވަނީސްއެވެ. އަދި ޓްރަމްޕުގެ ހާލުކޮޅު އެހާ ރަނގަޅު ނޫން ކަމަށާއި، ރައްޔިތުންނަށް ދައްކަވަމުން ގެންދަވަނިީ ނުބައި މަންޒަރެއް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ޓްރަމްޕް ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. ކޮވިޑް-19ށް ޕޮޒިޓިވްވިކަން އެނގިވަޑައިގެންނެވީ ހާލުކޮޅު ގޯސްވެގެން ހެއްދެވި ޓެސްޓްތަކުންނެވެ. ޑަބްލިއުއެޗްއޯގެ ގައިޑަލައިންގައިވާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހެއްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ނެތި ބަލިން ފަސޭހަވުމަށް 14 ދުވަހުގެ މުއްދަތެއް ހޭދަވެއެވެ.