އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވުމަށް ފަހު ވައިޓް ހައުސްއަށް ވަޑައިގަނެ، ބަލިން މުޅިން ރަނގަޅު ނުވަނީސް، މާސްކު ނަންގަވާ ފޮޓޯ އަދި ވީޑިއޯއެއް ނެންގުވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.
އެމަނިކުފާނު ވަނީ ކޮވިޑް ދެކެ ބިރު ނުގަތުމަށާއި، ބަލިމަޑުކަން މީހުންގެ ދިރިއުޅުން ކޮންޓްރޯލް ކުރުމަށް ފުރުސަތު ނުދިނުމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވުމުން ބައްޔާ ކުރިމަތިލެއްވީ ލީޑަރެއްގެ ހައިސިއްޔަތުން އެކަން ކުރަން ޖެހުމުން ކަމަށް ވެސް ޓްރަމްޕް ވަނީ ވައިޓްހައުސް އަށް ވަޑައިގެން ނަންގަވާފައިވާ ވީޑިއޯގައި ވިދާޅުވެފައެވެ.
އަހަރެމެން އެންމެންވެސް އަލުން މަސައްކަތައް ނުކުންނާނަން. އެންމެ ކުރީސަފުގައި ތިއްބަވާނަން. ލީޑަރުގެ ހައިސިއްޔަތުން އަޅުގަނޑު އެކަން ކުރަން ޖެހޭ. މިކަމުގެ ބިރުވެރިކަމެއްވެސްވާ ކަން އިނގޭ. އެހެން ނަމަވެސް ލީޑަރުގެ ހައިސިއްޔަތުން މިކަން ކުރަން ޖެހޭ،އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
ޓްރަމްޕް ވަނީ އެމަނިކުފާނު އަމަލު ކުރެއްވި ގޮތަށް ކޮންމެ ލީޑަރަކު ވެސް އަމަލު ކުރައްވާނެ ކަމަށް ވިދާޅުވެ، އޭނާ އަކީ ބައްޔަށް އިމިއުން މީހެއް ކަމަށް ދޭހަވާ ގޮތަށް ވެސް ވާހަަކަފުޅު ދައްކަވާފައެވެ.
މިގޮތަށް އެމަނިކުފާނުގެ އަމަލު ކުރެއްވުމަކީ، ކޮވިޑް-19 އަކީ ބިރުވެރި ބައްޔެއް ނޫން ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާކަން ދެއްކުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށް ސީއެންއެންގައި ވަނީ ފާހަގަކޮށްފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި އެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ޓްރަމްޕް އަށް ފަރުވާ ދެއްވާފައިވާ އިރު، 72 ގަޑިއިރުގެ ތެރޭގައި އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސް ވެގެން ދިޔަކަމަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ.
އެމަނިކުފާނު ވައިޓްހައުސް އަށް ވަޑައިގެންފައިވާ އިރު، ވައިޓްހައުސްގެ ސްޓާފުންގެ ތެރެއިން ކިހާ އަދަދެއްގެ ސްޓާފުން ބައްޔަށް ޕޮޒިޓިވްވެފައިވޭތޯ އާންމު ކޮށްފައެއް ނުވެއެވެ. އަދި އެމަނިކުފާނު ވެސް ބައްޔަށް ނެގެޓިވްވެފައިވޭތޯ އާންމު ކޮށްފައެއް ނުވެއެވެ.