ބްރެޒިލުގެ ފޯވާޑް ޑަގްލަސް ކޮސްޓާ އަލުން އަނބުރާ ބަޔާން މިއުނިކާ ގުޅިއްޖެއެވެ.
އުމުރުން 30 އަހަރުގެ ފޯވާޑް އަލުން އަނބުރާ ބަޔާނާ ގުޅުނީ ޔުވެންޓަސްގެ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ. މީގެ ކުރިން ކޮސްޓާ ވަނީ 2015ން 2017ށް ބަޔާނަށް ކުޅެދީފައެވެ.
ބަޔާނުގައި ކޮސްޓާ ވިދާލިއިރު، 2017 ވަނަ އަހަރު ބަޔާން ދޫކޮށް ކޮސްޓާ ޔުވެންޓަސްއާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު 2018 ވަނަ އަހަރު ޔުވެންޓަސްއިން ވަނީ ކޮސްޓާގެ އެއްބަސްވުން ދާއިމީކޮށްފައެވެ.
ބަޔާނުގައި ތަފާތު މޮޅު ކުޅުމެއް ކޮސްޓާ ދެއްކި ނަމަވެސް، ޔުވެންޓަސްއަށް ބަދަލުވެ އަނިޔާގެ ގިނަ މައްސަލަތަކަކާ ގުޅިގެން ކޮސްޓާއަށް އޭނާގެ އަސްލު ފެންވަރު އެ ޓީމުގައި ދެއްކިފައެއް ނުވެއެވެ. އެއާއެކު ޔުވެންޓަސްއިން ކޮސްޓާ ލޯނު އެއްބަސްވުމެއްގެ ދަށުން ދޫކޮށްލީ މި ސީޒަނުގައި އެ ޓީމުގެ އައު ކޯޗު އަންދްރެއާ ޕިރްލޯގެ ޕްލޭނުގައި ކޮސްޓާ ނުހިމެނޭތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ ކުރިން ބަޔާނުގައި ކޮސްޓާ ހޭދަކުރި ދެ ސީޒަނުގައި އޭނާ ވަނީ އެ ޓީމަށް ކުޅެދިން 77 މެޗުގައި 14 ލަނޑު ޖަހާފައެވެ. އަދި ވަނީ ބަޔާނާއެކު ޖަރުމަން ލީގު ދެ ފަހަރު އަދި ޖަރުމަން ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.
ބަޔާނުން ކޮސްޓާގެ ސޮއި ހޯދިއިރު، އެ ޓީމުން ވަނީ ހޯމަ ދުވަހު ޕީއެސްޖީއަށް ކުޅުނު ކެމަރޫނުގެ ފޯވާޑް އެރިކް މެކްސިމް ޗޮޕޫ-މޯޓިންގެ ސޮއިވެސް ހޯދާފައެވެ. އޭނާ ބަޔާނާ ގުޅުނީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އަދި ބަޔާނުން މީގެ ކުރިން ވަނީ މި ޓްރާންސްފާ ބާޒާރުގައި އެސްޕަންޔޯލުގެ މިޑްފީލްޑަރު މާކް ރޮކާ އާއި، މެންޗެސްޓާ ސިޓީގެ ލެރޯއި ސާނޭ އާއި، ޕީއެސްޖީގެ ޓަންގުއީ ނިއަންޒޫ އަދި ޝާލްކާގެ އެލެކްޒެންޑާ ނުބެލްގެ ސޮއިވެސް ހޯދާފައެވެ.