ކޮވިޑް-19ގެ އާ ކޭސްއެއް ނިއުޒިލޭންޑުގެ އެންމެ ބޮޑު ސިޓީ އޯކްލޭންޑުން ނުފެންނަތާ 12 ދުވަސް ވެއްޖެކަމަށް އެގައުމުގެ ބޮޑުވަޒީރު ޖެސިންޑާ އަރޑޭން ހާމަކުރައްވައިފިއެވެ.
މިއާއެކު އެގައުމުގެ ބޮޑުވަޒީރު ޖެސިންޑާ އަރޑޭން ވަނީ އެނެއްކާ ވެސް އެގައުމުން ކޮވިޑް-19 ބަލިކޮށްލާފައިވާ ކަން އިއުލާންކޮށްފައެވެ. މީގެ އިތުރުން އެގައުމުގެ އެންމެ ބޮޑު ސިޓީ އޯކްލޭންޑުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ވަނީ ނިންމާފައެވެ.
އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްތައް އެގައުމުގައި ފެތުރިގެން ދިޔައީ މެއި މަހުގެ ފަހުކޮޅުގެ ތެރޭގައެވެ. އަދި ހަރުކަށި ލޮކްޑައުންއަކަށް މުޅި ގައުމުގޮސް ކޮމިއުނިޓީ ޓްރާންސްމިޝަންއެއް ނުފެނި 102 ދުވަސް އެގައުމުގެ ރައްޔިތުން ހޭދަކުރިއެވެ. ނަމަވެސް ނިމިގެންދިޔަ އޮގަސްޓް މަހުގެ ތެރޭގައި އޯކްލޭންޑުން އާ ކްލަސްޓާތަކެއް ފެނުމާއި ގުޅިގެން 3 ހަފްތާ ވަންދެން އެ ސިޓީ އަނެއްކާ ވެސް ލޮކްޑައުންއަކަށް ގޮސްފައިވެއެވެ.
އޯކްލޭންޑުން 12 ދުވަސް ވަންދެން އާ ކޭސްއެއް ނުފެންނާތީ، ނިއުޒިލޭންޑުގެ ބޮޑުވަޒީރު ޖެސިންޑާ ވަނީ ވައިރަސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ގައުމު ދެވަނަ ލޮކްޑައުންއަކަށް ގޮސް، އެކަމުން އަރައިގަނެވިފައިވާތީ ޖެސިންޑާ ވަނީ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ.
ބުދަ ދުވަހު ޖެސިންޑާ ވިދާޅުވީ ވައިރަސް ކޮންޓްރޯލްވުމާއެކު ގައުމުގެ އެހެން ސިޓީތަކެކޭ އެއްފަދައިން އޯކްލޭންޑް ވެސް ލެވެލް އެކަކަށް ދާނެ ކަމަށެވެ. ކޮވިޑާއި ގުޅިގެން ބަލާ ހަތަރު ލެވެލްއެއް އެގައުމުގައި ވަނީ ކަނޑައަޅާފައެވެ.
ލޮކްޑައުނަށް ދިން ލުއިތަކާއެކު އެއްވުންތައް ބޭއްވުމަށް މިހާރު ހުރަހެއް ނެތެވެ. މީގެ އިތުރުން މި މަހުގެ 18 ވަނަ ދުވަހު އޯކްލޭންޑުގައި ބާއްވަން ނިންމާފައިވާ ދެވަނަ ބްލެޑިސްލޯއި ކަޕް ޓެސްޓް ބާއްވަން ވަނީ ނިންމާފައެވެ.
ނިއުޒިލޭންޑުން މިހާތަނަށް މަރުވެފައިވަނީ 25 މީހުންނެވެ. 5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒިލޭންޑުގައި މިހާރު ފަރުވާ ދެމުން އަންނަނީ 40 މީހުންނަށެވެ. އެގައުމުން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 1855 މީހުންނެވެ.