ފޯވާޑް ރެބަޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ހަތަރު ލަނޑާއެކު ހާތާ ބާލިން އަތުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.
ޖަރުމަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބަޔާން މޮޅުވީ ބާލިން އަތުން 4-2 ންނެވެ.
ބަޔާނުގެ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗުގެ 36 ވަނަ މިނެޓުގައި ތޯމަސް މުލާ އެންމެ ފުރަތަމަ ބަޔާނަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފުރީ ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހާ ބަޔާނަށް ލީޑު ނަގާދީފައެވެ.
އަދި ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހާ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު އޭގެ އަށް މިނެޓު ފަހުން ޖޯން ކޯޑޮބާ ބާލިންއަށް ފަރަގު ކުޑަކޮށްދިންއިރު، މެޗުގެ 71 ވަނަ މިނެޓުގައި މަތެއުސް ކުންހާ ވަނީ ބާލިންއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އޭގެ ފަހުން މެޗުގެ 85 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ އަލުން ބަޔާނަށް ލީޑު ނަގައިދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ޔެސިކް އެންގަންކަމް ވަނީ އަނެއްކާވެސް ބާލިންއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުން ބަޔާން މޮޅުވީ އިތުރު ވަގުތުގައި ލެވެންޑޯސްކީ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އޭރިއާ ތެރެއިން ލެވަންޑޯސްކީއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި މޮޅާއެކު ބަޔާން އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. އަދި ބަޔާން އަތުން ބަލިވި ބާލިން އޮތީ ތާވަލުގެ 13 ވަނައިގައި ތިން މެޗުން ތިން ޕޮއިންޓާއެކުއެވެ.