ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 07:41
ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އެއް
ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އެއް
ރިކަވަރީ ސްކީމްގެ ދަށުން ބީއެމްއެލް އިން ދޫކުރާ ލޯ
ރިކަވަރީ ސްކީމްގެ ދަށުން ބީއެމްއެލް އިން 532 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފި
ލޯނަށް އެދި 573 ފަރާތަކުން ވަނީ ހުށައަޅާފައި
ލޯނު ދޫކޮށްފައި ވަނީ 377 ފަރާތަކަށް
ބީއެމްއެލް އިން ވަނީ 7.5 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދޫކޮށްފައި

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ރިސޯޓްތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުތަކަށް އެހީތެރިވުމުގެ ގޮތުން ދޫކުރާ ކޮވިޑް-19 ރިކަވަރީ ސްކީމްގެ 532 މިލިއަން ރުފިޔާގެ ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް އިން ވަނީ 377 ފަރާތަކަށް 530 މިލިއަން ރުފިޔާ އަދި 7.5 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދޫކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ރިސޯޓްތަކާއި 2019 ވަނަ އަހަރު ޓާންއޯވާގެ ގޮތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކުންފުނިތަކަށް ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯންތަކަށް 554 ފަރާތަކުން އެދިފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކައެވެ.

ލޯނަށް އެދި ހުށައަޅާފައިވާ 573 ފޯމްގެ ތެރެއިން 410 ފޯމް އެޕްރޫވް ކޮށްފައިވާ އިރު، 16 ފޯމެއް ވަނީ ރިޖެކްޓް ކޮށްފައެވެ. އަދި 12 ފޯމެއް މިވަގުތު ޕްރޮސެސިންގެ މަރުހަލާގައި އުޅޭއިރު، ރަނގަޅަށް ފުރިހަމަ ނުވާ 135 ފޯމެއްވާ ކަމަށް ފިނޭންސް އިން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ މި ލޯނަކީ ރަހުނަކާއި ނުލައި ހަ އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ތިން އަހަރު ދުވަހުން ދައްކައި ހަލާސް ކުރާ ގޮތަށް ދޫކުރާ ލޯނުތަކެކެވެ. މި ލޯނުތަކަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަށް ލިބިގެންދާއިރު، މި ހަ މަސް ދުވަހަށް އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ނުހިނގާނެއެވެ.

ބީއެމްއެލް އިން ވަނީ ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ނިމޭނީ ކަސްޓަމަރުން ބޭންކަށް އަނބުރާ ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމުން ކަމަށާއި ކަސްޓަމަރުން ވިހާވެސް އަވަހަކަށް އެ ލިޔުންތައް ފޮނުވުމަށް އެދިފައެވެ.

- ކޮމެންޓް