މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.
އާދިއްތަ ދުވަހު ހަވީރު ނައިބު ރައީސް ވަނީ އެކުވެނި ދުވާ ޓްރެކް ސަރަހައްދަށް ވަޑައިގަންނަވައި، އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. ނައިބު ރައީސާއެކު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފުގެ އިތުރުން މި މަސައްކަތް ކުރަމުން އަންނަ އާރުކޭއެލް ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެކުވެނި ދުވާ ޓްރެކުގައި މިހާރު ކުރިއަށްދާ މަސައްކަތަކީ ކޮންކްރީޓް އެޅުމުގެ މަސައްކަތެވެ. މި މަސައްކަތް މި މަހުގެ 15 ވަނަ ދުވަހަށް ނިންމާލުމަށް އަމާޒުހިފާފައިވާއިރު، އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ތާވަލުކުރެވިފައިވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށެވެ.
މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުވުމުން އެކަމުގެ ފައިދާ އެތަން ބޭނުން ކުރަމުން އަންނަ އެތުލީޓުންނާއި، ކަސްރަތަށް އެތަން ބޭނުން ކުރަމުން އަންނަ މީހުންނަށް ލިބިގެންދަނެ ކަމަށާއި، އެތަނުގައި ތަރައްގީކުރެވޭ ސިންތެޓިކް ޓްރެކަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެކަކަށް ވެގެންދާނެ ކަމަށެވެ.
މާލޭގައި ގިނަ ބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އަދި މިދިޔަ މަހުގެ ދެވަނަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އާ ހަވާލުކޮށްފައެވެ. މި މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މާލޭ އެކުވެނި ދުވާ ޓްރެކް ގާއިމުކުރީ 1996 ވަނަ އަހަރެވެ. މީގެ ކުރިން ރާއްޖޭގެ އެތުލީޓުންވެސް ތަމްރީނު ހެދުމަށް ބޭނުންކުރި އެކުވެނި ދުވާ ޓްރެކް އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ އާންމު ރައްޔިތުން ކަސްރަތު ކުރުމަށެވެ. ޓްރެކުގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން ދުވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފައެވެ.
އަދި އެތަނުގައި ރަސްމީކޮށް ކްރިކެޓް ކުޅޭ ދަނޑުވެސް އޮތުމާއެކު، ޓްރެކުގެ ބޭނުން ދުވުމުގެ އިތުރަށް ކްރިކެޓް ކުޅުމަށާއި ކަސްރަތު ކްލާސްތައް ބާއްވަންވެސް ބޭނުންކުރެއެވެ.