ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއަށް ކުޅެމުން އައި އިޓަލީގެ ޑިފެންޑަރު ޑެނިއެލޭ ރުގާނީ ރެނެސްއަށް ބަދަލުވެއްޖެއެވެ.
އުމުރުން 26 އަހަރުގެ ޑިފެންޑަރު ރެނެސްއާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ރެނެސްއިން ވަނީ ރުގާނީއަށް ދެ މިލިޔަން ޔޫރޯ ޚަރަދުކޮށްފައެވެ.
ރެނެސްގެ ރައީސް ނިކޮލަސް ހެލްވެކް ވިދާޅުވީ ރުގާނީ އަކީ ޔުވެންޓަސްއާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަޖުރިބާ ހޯދާފައިވާ ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން އޭނާއާއެކު ރެނެސްގެ ފަހަތް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.
ރެނެސްއިން ވަނީ އެ ޓީމުގެ ތާރީޚުގައި މުޅިން އަލަށް ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދާފައެވެ. އެގޮތުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރެނެސް ހިމެނެނީ ގްރޫޕް އީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސެވިއްޔާ އާއި، ޗެލްސީ އަދި ކްރޮސްނޮޑާރެވެ.
ލޯނު އެއްބަސްވުމެއްގެ ދަށުން ރުގާނީ ރެނެސްއާ ގުޅުނުއިރު، އޭނާ ވަނީ މިހާތަނަށް ޔުވެންޓަސްގައި ހޭދަކުރި ފަސް ސީޒަނުގައި އެ ޓީމަށް 101 މެޗު ކުޅެދީފައެވެ. އަދި ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ފަސް ފަހަރު އަދި އިޓާލިއަން ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.
އިޓަލީގެ ގައުމީ ޓީމަށް މިހާތަނަށް ހަތް މެޗު ކުޅެދީފައިވާ ރުގާނީގެ ސޮއި ރެނެސްއިން ހޯދިއިރު، އެ ޓީމުން ދާދި ފަހުން ވަނީ ވަގުތީ އެއްބަސްވުމެއްގެ ދަށުން އިންޓަ މިލާނަށް ކުޅެމުން އައި ބްރެޒިލުގެ ޑިފެންޑަރު ޑަލްބާޓް ހެންރީކޭގެ ސޮއިވެސް ހޯދާފައެވެ.