އިންގްލެންޑުގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ހޯދުމަށް ބަޔާން މިއުނިކުން ކުރި ބިޑް ބަލައިނުގަންނަން ޗެލްސީން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 19 އަހަރުގެ ފޯވާޑް ހޯދުމަށް ބަޔާނުން މަސައްކަތް ކޮށްފައިވަނީ ލޯނު އުސޫލުންނެވެ. އެގޮތުން މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއް ދަށުން ބަޔާނުން އޭނާ ގެންދަން މަސައްކަތް ކުރިއިރު، މި އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ ހޫނު މޫސުމުގައި 70 މިލިޔަން ޕައުންޑަށް ހަޑްސަން-އޮޑޯއިގެ އެއްބަސްވުން ދާއިމީ ކުރެވޭނެ ކަމަށް އެ ބިޑުގައި އޮތީ ހިމަނާފައެވެ.
އެކަމަކު ހަޑްސަން-އޮޑޯއި ދޫކޮށްލަން ޗެލްސީން ބޭނުންނުވާ ކަމަށާއި، އެހެންކަމުން ބަޔާނުގެ ހުށަހެޅުން ބަލައިނުގަންނަން ޗެލްސީން މިހާރު ނިންމާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް ހޯމަ ދުވަހު ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ހަޑްސަން-އޮޑޯއިއަށް ބަޔާނުން އަލުން ބިޑް ކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ހަޑްސަން-އޮޑޯއި ހޯދުމަށް ބަޔާނުން އެންމެ ފުރަތަމަ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައެވެ. އެގޮތުން އެ ފަހަރު 30 މިލިޔަން ޕައުންޑުގެ ބިޑެއް ބަޔާނުން ހުށަހެޅިއިރު، އެ ފަހަރުވެސް ޗެލްސީން ވަނީ އެ ބިޑް ބަލައިނުގަންނަން ނިންމާފައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ބަޔާނުން 22.5 މިލިޔަން ޕައުންޑުގެ ބިޑެއް ކުރި ކަމަށްވެސް އިނގިރޭސި މިޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
ހަޑްސަން-އޮޑޯއި ދޫކޮށްލަން ޗެލްސީން ބޭނުންނުވާއިރު، މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި 4-0 ން ކްރިސްޓަލް ޕެލަސް އަތުން ޗެލްސީ މޮޅުވި މެޗުގައި ހަޑްސަން-އޮޑޯއި ވަނީ 83 މިނެޓު ކުޅެފައެވެ.
ޗެލްސީގެ ޔޫތު ޓީމަށްވެސް ކުޅެ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗެލްސީގެ ސީނިއާ ޓީމަށް ފުރަތަމަ މެޗެއް ކުޅެދިން ހަޑްސަން-އޮޑޯއި ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 66 މެޗުގައި ނުވަ ލަނޑު ޖަހާފައެވެ. އަދި އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުންވެސް ޖާގަ ހޯދާފައިވާ ހަޑްސަން-އޮޑޯއި ވަނީ ޗެލްސީއާއެކު ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.