ކ. މާލެ
|
19 އޭޕްރިލް 2017 | ބުދަ 22:10
އެއްވުމެއް ރޫޅާލަން ފުލުހުން ހަރަކާތްތެރިވަނީ
އެއްވުމެއް ރޫޅާލަން ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ޣައިރު ގާނޫނީ އަމުރު
ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟
އެއްވުންތަކަށް ފުރުސަތު ދިނުމުގައި ވެސް ފުލުހުން އަމަލުރަނީ ބޭއިންސާފުން
ގާސިމް ހައްޔަރުކުރީ ގައިރުގާނޫނީ އަމުރެއްގެ ދަށުން ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި
ރައީސް ނަޝީދުގެ އިސްތިއުފާ އަށް ފުލުހުންގެ ބަޔަކު ގޮވީ ގައިރުގާނޫނީ އަމުރަށް ތަބާނުވަން ވެގެން ކަމަށް ބުނެ

ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނެފައި ވަނީ ފުލުހުންނަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭ ބައެއް ކަމަށެވެ. ރައްޔިތުން ހިމާޔަތްކޮށްދޭ ބައެއް ކަމަށެވެ. ނަމަވެސް ހައްގުތަކުގެ ވާހަކަ ދެކެވޭ އިރު ފުލުހުންނަށް ތައުރީފްގެ ބަހެއް އިވެނީ މަދު ފަހަރަކުއެވެ. އެހެން ކަމުން ޒަމާނުއްސުރެ ވެސް ފުލުހުންނާ މެދު އާންމު ފަރުދުން ދެކޭ ގޮތް ގޯހެވެ. ފުލުހުންނާއި ސިފައިންގެ ޔުނީފޯމް ވަކިކޮށް ވަކި ދެ މުއައްސަސާއެއްގެ ގޮތުގައި ހަމަޖެއްސި މައިގަނޑު ސަބަބަކީ ވެސް ތަސައްވަރު ރަނގަޅުކޮށް މަދަނީ ބައެއްގެ ގޮތުގައި ފުލުހުން ދެއްކުމެވެ. ނަމަވެސް ސުވާލަކީ މި ވޭތުވެ ދިޔަ އަހަރުތަކުގައި ގާނޫނުއަސާސީ އާއި ގާނުނުތަކުގައި އެބުނާ ގޮތަށް ފުލުހުން ސިފަކުރެވުނު ހެއްޔެވެ؟

ސިޔާސީ ފަރާތްތަކުގެ ދުލުން ތައުރީފްގެ ބަހެއް ނުލިބުނަސް އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް އާންމު ރައްޔިތުންގެ ކުރިމަތީގައި ފުލުހުންގެ އަގު ވެއްޓިގެން ދިޔުމަކީ މުޅި މުއައްސަސާ އަށް ލިބޭ ގެއްލުމެކެވެ. ނަމަވެސް ރައްޔިތުންގެ އިތުބާރު ގެއްލި މުއައްސަސާގެ ނަން ކިލަނބުވާން މެދުވެރިވީ މާޒީގައި ކަންތައްތަކެއް ހިނގާފައި ހުރުމުންނެވެ. އަދި މިހާރު ވެސް ކަންކަން ހިނގަމުންދާ ގޮތުންނެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގެ ތެރޭގައި ފުލުހުންނަށް ނިސްބަތްކޮށް އިދިކޮޅު ފަރާތްތަކުން ބޭނުންކުރި ޖެއްސުމުގެ ނަންތައް ރައްދުވުމުގައި ސަބަބުތަކެއް ހުއްޓެވެ. އޭރު ވެސް ސިޔާސީ މަގުސަދުތައް ހާސިލްކުރުމަށް އުސޫލްތަކާ ހިލާފަށް ފުލުހުން ބޭނުންކޮށްފައިވާކަން އެއީ ކޯޓެއްގައި ސާބިތު ނުކުރިޔަސް ފެންނަން އޮތް ހަގީގަތެވެ. އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެ އަޑުތައް ހަމަ އެގޮތަށް އިވިގެން ދިޔައެވެ. ފުލުހުންގެ މައްޗަށް ޣައިރު ގާނޫނީ އަމުރުތައް ކުރަމުންދާ ކަމަށް ޚުދު ފުލުހުން ވެސް ދިޔައީ ޝަކުވާކުރަމުންނެވެ. އެންމެ ފަހުން ގައުމުގެ ވެރިކަން ބަދަލުވެގެން ދިޔުމުގެ ސަބަބަކަށް ވެސް ވެގެން ދިޔައީ ފުލުހުންގެ ތެރެއިން ބަޔަކު ހިންގި ހަޑިމުޑުދާރު އަމަލުތަކެވެ. ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަކީ ފުލުހުންނަށް ލިބޭ އިހްތިޔާރެކެވެ. ނަމަވެސް އެފަދަ އަމުރުތަކަށް ތަބާނުވާނެ ކަމަށް އެއަށް ވުރެ ބޮޑު ކުށަކަށް އަރައިގަނެ މުޒާހަރާކޮށް "ބަޣާވާތަކަށް" ނުކުމެ ގައުމުގެ ވަލީއްޔުލް އަމުރުގެ އިސްތިއުފާ އަށް ގޮވައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ހިންގީ ވެސް ގާނޫނާ ހިލާފު އަމަލެކެވެ. އެކަމުގެ ސަބަބުން ފުލުހުންގެ މުއައްސަސާގައި ޖެހިފައިވާ ލައްގަނޑު ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ. އެ ލައްގަނޑު ޖެހިފައި ވަނީ ހަމައެކަނި އެ ދުވަހު ޖުމްހޫރީ މައިދާނަށް އެއްވި މީހުންގެ ޔުނީފޯމުގައެއް ނޫނެވެ. 

ނަމަވެސް ތާއަބަދަށް އެ ލައްގަނޑު ފުލުހުންގެ ޔުނޯފޯމްގައި ހަރުލާފައި ވަނީ ދައުލަތުގެ އެހެން މުއައްސަސާތައް ފެއިލްވުމުންނެވެ. އެ ދުވަހު އެކަން ކުރި ފަރާތްތަކަށް އިންސާފުން އަދަބު ނުދެވުމުންނެވެ. އެންމެ ކުޑަމިނުން ޝަރީއަތެއް ވެސް ހިންގިފައި ނެތުމުންނެވެ. ފުލުހުންގެ މޫނުމަތި ރީތިކުރުމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަދިވެސް ކަން ހިނގަމުންދަނީ ޒަމާނުއްސުރެ ވެސް އެކަން ހިނގަމުން ދާ ގޮތަށެވެ. އަދިވެސް ކުރެވެނީ އެއް ތުހުމަތުތަކެކެވެ. ވަނީ ބަދުނާމެވެ.

ސިޔާސީ ބޭނުންތަކަށް ފުލުހުން ބޭނުންކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް ހެކި ލިބެނީ ފެންނަމުންދާ މަންޒަރުތަކުންނެވެ. އޭގެ އެންމެ ބޮޑު މިސާލަކީ ސަރުކާރަށް ފާޑުކިޔާ ކޮންމެ މީހަކާ ދެކޮޅަށް ހަމަ ކުއްލިއަކަށް ފަށާ ތަހްގީގުތަކެވެ. ފަހަރުގައި އެއީ ސީދާ ފުލުހުން އިސް ނަގައިގެން ކުރާ ކަމަކަށް ނުވެދާނެއެވެ. ފަހަރުގައި އެއީ ބަޔަކު ހުށަހަޅައިގެން ނުވަތަ ސަރުކާރުގެ އެހެން މުއައްސަސާއަކުން ހުށަހަޅައިގެން ކަމަށް ވެސް ވުން އެކަށީގެންވެއެވެ. ނަމަވެސް އިއްތިފާގުން ނަމަވެސް ފެންނަނީ އެ މަންޒަރެވެ. ބަދުނާމު ވަނީ ފުލުހުންނެވެ. މުޅި މުއައްސަސާއެވެ.

ހައްގުތައް ހިމާޔަތްކުރުމުގައި ވެސް ފުލުހުން ފެންނަނީ ވަކި އަތަކަށް ބުރަވެފައިވާ މަންޒަރެވެ. އޭގެ އެއް މިސާލަކީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މަގުމަތީގައި ހަރަކާތްތައް ބޭއްވުމަށް ފުރުސަތު ދޭ އިރު ހަމަ އެ  ވަގުތު އެހެން ސަރަހައްދެއްގައި އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތައް ބާރުގެ ބޭނުން ކޮށްގެން ރޫޅާލުމެވެ. އަންގާރަ ދުވަހުގެ ރޭ ކަން ވީ އެގޮތަށެވެ. ސޯސަން މަގުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއް ޕެޕޭ ސްޕްރޭ ޖަހައި ބާރުގެ ބޭނުން ކޮށްގެން ރޫޅާލި އިރު ހަމަ އެ ވަގުތު މާވެޔޮ މަގުގައި ފިޔާތޮށި ގޮނޑިތައް ޖަހައިގެން ސަރުކާރު ކޯލިޝަނުން ކެމްޕެއިން ހަރަކާތްތައް ހިންގާފައި ވެއެވެ. އެއީ ރައީސްގެ އަނބިކަނބަލުން ބައިވެރިވަޑައިގެންނެވި ހަރަކާތަކަށް ވާތީ އެ ހަރަކާތް ހުއްޓުވުމުގެ ބަދަލުގައި ފުލުހުންނަށް ޖެހުނީ ހިމާޔަތްދީ ރައްކާތެރިކަން ފޯރުކޮށްދޭންށެވެ. ނަމަވެސް އުއްތަމަކަމަނާ ބައިވެރިވަޑައިގަންނަވާ ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދީފައި އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ނުދޭ ނަމަ ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބުނާ މާއްދާގެ ބޭނުމެއް ނެތެވެ. ސަބަބު ކޮންމެ ގޮތަކަށް އޮތް ނަމަވެސް އަދި ފުލުހުން ކޮންމެ ވާހަކައެއް ބުންޏަސް އެ ކަމަށް ދެއްކޭނެ ހުއްޖަތެއް އޮތް ކަމަށް ގަބޫލުކުރަން ދައްޗެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔުރުކުރީ ވެސް ގާނޫނާ ޚިލާފަށްކަން ކޯޓުން އެވަނީ ސާބިތުކޮށްފައެވެ. ކުށުގެ ވެށިން ނޫން ގޮތަކަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ހައްޔަރުކުރުމުގައި އަމަލުކުރާނެ އުސޫލްތަކެއް ގާނޫނުތަކުގައި ކަނޑައަޅާފައި ވެއެވެ. އެއީ ދިވެހި ބަހުން އޮތް ގާނޫނުގައި ލިޔެފައި އޮތް މާއްދާތަކަކަށް ވާތީ އެއީ ފުލުހުންނަށް ވެސް އެނގޭނެ ކަމެކެވެ. ނުވަތަ އެނގެންޖެހޭނެ ކަމެކެވެ. ގާނޫނުގައި ބުނަނީ ކުށުގެ ވެށިން ނޫން ގޮތަކަށް ގާނޫނުހަދާ މަޖިލީހުގެ މެންބަރަކު ހައްޔަރުކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް ސުޕީރިއާ ކޯޓަކަށް ހުށަހަޅައި ހޯދާ އަމުރެއްގެ ދަށުންނެވެ. ނަމަވެސް ގާސިމް އިބްރާހީމް ހައްޔަރުކޮށްފައި ވަނީ ސީދާ ފުލުހުން ކްރިމިނަލް ކޯޓުން ހޯދި އަމުރެއްގެ ދަށުންނެވެ. އެއީ ގައިރުގާނޫނީ އަދި ބާތިލް އަމުރެއް ކަމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެހެން ކަމަށް ވާ ނަމަ ފުލުހުން އެ އޮތީ ގާނޫނާ ހިލާފަށް އަމަލުކޮށްފައެވެ. ނުވަތަ ގައިރުގާނޫނީ އަމުރަކަށް ތަބާވެފައެވެ.

ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ދެކޮޅު ހަދަންޖެހެއެވެ. ކުރީގެ ރައީސް މުހައްދު ނަޝީދުގެ އިސްތިއުފާ އަށް ފުލުހުންގެ ބަޔަކު ގޮވައި މުޒާހަރާކުރީ އެފަދަ އަމުރުތަކަށް ތަބާނުވަން ވެގެންނެވެ. އެހެން ކަމަށްވާ ނަމަ ގާސިމް ހައްޔަރުކުރަން ފުލުހުންގެ މައްޗަށް އައި ޣައިރު ގާނޫނީ އަމުރަށް ތަބާވި ފުލުހުން ވެސް ކުށްވެރިވާންޖެހެއެވެ. ނުވަތަ އެފަދަ އަމުރުތަކާ ދެކޮޅަށް މިފަހަރު އަޑު އުފުލައި މުޒާހަރާނުކުރީ ކީއްވެ ހެއްޔެވެ؟ މިފަދަ އެތައް ކަމެއް މިހާރު ވެސް އެބަ ހިންގައެވެ. އެކަމަށް ފުރުސަތު ދެނީ ފުލުހުންގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ވެރިންނެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްހެން ނުވަތަ ސިޔާސީ ބަޔަކަށް ވާގިވެރިވާ އަދި އެ ޕާޓީތަކުގެ މަގުސަދުތައް ހާސިލްކުރަން ބޭނުންކުރާ ޓޫލެއްގެ ގޮތުގައި ފުލުހުން ބޭނުންކުރަން ފުރުސަތު ދީގެން ނުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް