ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ ހޯދަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް ބާސާގެ ސްޕޯޓިންގ ޑިރެކްޓަރު ރާމޮން ޕްލޭނެސް ދޮގުކޮށްފިއެވެ.
މީގެ ކުރިން ޔުވެންޓަސްއިންވެސް ޝައުގުވެރިކަން ފާޅުކުރި ޑެމްބެލޭ ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ފެށީ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ ހޯދުމުގެ މަސައްކަތް ހުއްޓާލަން ޖެހުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިން މީޑިއާތަކުން ވަނީ ޑެމްބެލޭގެ ޓްރާންސްފާއާ ގުޅޭ ގޮތުން ޔުނައިޓެޑުން ބާސާއާއެކު މަޝްވަރާ ކުރި ކަމަށް ރިޕޯޓުކޮށްފައެވެ.
އެކަމަކު ދާދި ފަހުން ބާސާގެ ސްޕޯޓިންގ ޑިރެކްޓަރު ރާމޮން ޕްލޭނެސް ބުނީ ޑެމްބެލޭއާ ގުޅޭ ގޮތުން އެއްވެސް ކުލަބަކާއެކު މަޝްވަރާތައް ކުރިއަށް ނުދާ ކަމަށާއި، މި ސީޒަނުގައި ބާސާގެ ސްކޮޑުގައި ޑމްބެލޭ އަކީ މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި ޔުނައިޓެޑުން ޑެމްބެލޭ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އަޑުފެތުރިފައިވީ ނަމަވެސް، ބާސާއިން ޔުނައިޓެޑަށް ޑެމްބެލޭ ނުދޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޑެމްބެލޭ 2017 ވަނަ އަހަރު ބާސާއާ ގުޅުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑުން 147 މިލިޔަން ޔޫރޯގެ އަގަކަށެވެ. ޑެމްބެލޭ އަކީ އޭނާ ބާސާއަށް ގެނައިއިރު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. އެކަމަކު އޭނާއަށް އަނިޔާގެ ސަބަބުން އެއް ފެންވަރެއްގައި ހިފަހައްޓާލެވޭ ގޮތް ނުވެފައިވާއިރު، މިދިޔަ ސީޒަނުގައިވެސް އަނިޔާގެ އެތައް މައްސަލައެއް ދިމާވިއެވެ. އެގޮތުން މިދިޔަ ސީޒަނުގައި އޭނާ ބާސާއަށް ކުޅެދީފައިވަނީ އެންމެ ނުވަ މެޗެވެ.
މި ސީޒަނުގައި ބާސާއިން މިހާތަނަށް ދެ މެޗެއް ކުޅެފައިވީ ނަމަވެސް، ޑެމްބެލޭއަށް އަދި ފުރަތަމަ އެގާރައިން ފުރުސަތު ދީފައެއް ނުވެއެވެ. އެކަމަކު ވިޔަރެއާލާ ދެކޮޅަށް ކުޅުނު ލީގުގެ ފުރަތަމަ މެޗުގެ ދެވަނަ ހާފުގައި ޑެމްބެލޭ ވަނީ ކުޅެން އަރުވާފައެވެ.
ބާސާއަށް މިހާތަނަށް ކުޅެދިން 75 މެޗުގައި 19 ލަނޑު ޖަހާފައިވާ ޑެމްބެލޭ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.