ކ. މާލެ
|
1 އޮކްޓޯބަރ 2020 | ބުރާސްފަތި 18:19
2023 ވަނަ އަހަރުގެ ގޭމްސްގައި އައިއޯއައިޖީގެ ދިދަ ރަސްމީކޮށް ރާއްޖެއާ ހަވާލުކުރުން
2023 ވަނަ އަހަރުގެ ގޭމްސްގައި އައިއޯއައިޖީގެ ދިދަ ރަސްމީކޮށް ރާއްޖެއާ ހަވާލުކުރުން
އެމްއޯސީ
އައިއޯއައިޖީ ރާއްޖޭގައި ބޭއްވުން
އައިއޯއައިޖީ 2025ށް ފަސްކުރުމަށް، ނޫންނަމަ ދެން އޮންނަ ގޭމްސްއެއް ބާއްވަން އެދެނީ
މިހާރު އޮތް ގޮތަށް 2023 ވަނަ އަހަރު ގޭމްސް ބޭއްވޭނެ ކެރިފޯރުންތެރިކަމެއް ނެތް
2025 ވަނަ އަހަރަށް ފަސް ނުވެއްޖެނަމަ، ދެން އަންނަ ގޭމްސްއެއް ބާއްވަން އެދެން މަޝްވަރާ ކުރާނެ ކަމަށް ވަޒީރު ވިދާޅުވި
އެސޯސިއޭޝަންތަކުގެ ވެރިންނާއި އެތުލީޓުންވެސް ތާއީދު ކުރަނީ ގޭމްސް ފަސްކުރަން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ބޭއްވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، މިހާރު މިއޮތް ހާލަތާއެކު ދައުލަތުގައި އެ ގޭމްސް ބޭއްވޭނެ ކެރިފޯރުންތެރިކަން ހުރި ކަމަށްވެސް ގަބޫލުނުކުރައްވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ގޭމްސް ބޭއްވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފަށަން ޕްލޭން ކުރެވިފައި އޮތް އަހަރަކީ މި އަހަރު ކަމަށާއި، އެހެން ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތާއެކު ގޭމްސްއަށް އަމާޒުކުރި ބޮޑެތި މަސައްކަތް ހުރީ ނުފެށި ކަމަށެވެ. އެހެން ކަމުން ކޮވިޑް-19 ގެ ހާލަތު ރަނގަޅުވެ، އަންނަ އަހަރު އެ މަސައްކަތް ފަށައިގެން އައިއޯއައިޖީ ރާއްޖޭގެ ބޭއްވޭނެ ކަމަށް މިހާރު ގަބޫލުނުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންނާއި އެތުލީޓުން ގަބޫލުކުރަނީ މިހާރު އޮތް ހާލަތުން ގޭމްސް ބޭއްވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ހަމަޖެހިގެން ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފެސިލިޓީތައް ގާއިމުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު އޮތް ގޮތަށް ގޭމްސް ބޭއްވޭނެ ކަމަށް އެ ވިސްނުން ގެންގުޅުއްވާ ހަމައެކަނި ބޭފުޅަކަށް އަޅުގަނޑަށް ހަމައެކަނި ފެނުނީ މަރްޒޫގް. އަޅުގަނޑު ބޭނުންވޭ ގޭމްސް ބާއްވަންވެސް. އެކަމަކު މި މަސައްކަތް ކުރަން އަޅުގަނޑު އިންނައިރު އަޅުގަނޑަށްތާ އިނގޭނީ ގޭމްސް ބާއްވަން ވީމަ ހުރި ޗެލެންޖަސްތައް. 2023 ވަނަ އަހަރު ގޭމްސް ބާއްވަންށޭ ކިޔާފަ އެކަން ނުވެއްޖެއްޔާ އެއީ އަދި މާ ގޯސް ކަމެއް. މި ވަގުތު ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަދި ދައުލަތުގެ އެއްމެ މުހިންމު ކަމަކަށް އައިއޯއައިޖީ ވާނެ ކަމަށްވެސް ގަބޫލެއްނުކުރެވޭ.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

ސިއްހީ ކަންތަކާއި، އެތައް ބައެއްގެ ވަޒީފާގެ ކަންކަމާއި، ވިޔަފާރިތަކަށް ކުރިމަތިވެފައިވާ އެތައް ކަމެއް އޮތްއިރު، އައިއޯއައިޖީ ބޭއްވުމަށް ބޮޑެތި ހޭދަތަކެއް ކުރުމަކީ މިހާރަށް ބަލާއިރު ދައުލަތައް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރު އެއްވެސް ކަމެއް ނުކުރެވި ދިޔައިރު، މިހާރު އޮތް ގޮތަށް އައިއޯއައިޖީ ބޭއްވުމަށް ނިންމާނަމަ، އަންނަ އަހަރުވެސް އެ ފައިސާ ސީދާ ވުޒާރާއިން ލިބެންޖެހޭ ކަމަށާއި، ފައިސާ ނުލިބި ތަންތަން ނުނިމި ބަލަން ހުރެވޭނެތޯ ވަޒީރު ވަނީ ސުވާލު ކުރައްވާފައެވެ.

މި އަންނަ އަހަރު މަސައްކަތް ފެށިޔަސް އަޅުގަނޑު ހޯދަންޖެހޭނެތާ އެ މަސައްކަތްކުރާނެ ފައިސާ. އަޅުގަނޑު ކިހިނެއްތޯ ބަލަން ބަލަން ހުންނާނީ ޓީޓީ އިންޑޯ، ވޮލީ އިންޑޯ ނުނިމިގެން ދެން ކުރަން ޖެހޭ އެހެން ކަންކަންނުވެގެން. މިހާރަށް ހިސާބު ޖެހީމަ އެބަ އިނގޭ 2023 ވަނަ އަހަރަކީ އައިއޯއައިޖީ ބޭއްވުމަށް އެންމެ ރަނގަޅު އަހަރު ނޫންކަން.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

މިހާރުގެ ހާލަތާއެކު ވަޒީރުންގެ މަޖިލީހަށް ވަރަށް އަވަހަށް ކަރުދާހެއް ހުށައަޅާނެ ކަމަށާއި، އޭގައި ފާހަގަކުރާނެ ކަންތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ އައިއޯއައިޖީ 2025 ވަނަ އަހަރަށް ނޫނީ ކުރިއަށް އޮތް ގޭމްސް މިފަހަރު ދޫކޮށްލާފައި ދެން އަންނަ ގޭމްސް ދިނުމަށް އެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރުގެ މި ހާލަތާއެކު ގޮތެއް ނިންމުމަށް ލަސްވެފައިވަނީވެސް ކިރިޔާވެސް ފުރުސަތެއް އޮތްތޯ ބެލުމަށް ކަމަށާއި، އެހެން ނަމަވެސް ވަރަށް އަވަހަށް ސީދާ ފައިނަލް ގޮތެއް ނިމިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، ރާއްޖޭން އައިއޯއައިޖީ ބޭއްވުމުގެ ބިޑު ކާމިޔާބުކުރީ މި ސަރަހައްދުގެ އެންމެ ބޮޑު ޖަޒީރާ ކަމަށްވާ މަޑަގަސްކަރަ އާއި ކޮމޮރޯސްއާ ވާދަކޮށްގެންނެވެ. އައިއޯއައިޖީގެ ބާއްވާ ގައުމެއް ކަނޑައަޅަން ނެގި ވޯޓުގައި ރާއްޖެއަށް ހަތަރު ގައުމެއްގެ ތާއީދު ލިބުނުއިރު، މަޑަގަސްކަރަ އާއި ކޮމޮރޯސް އަށް، ކޮންމެ ގައުމަކަށް ލިބުނީ އެއް ވޯޓެވެ.

އައިއޯއައިޖީއަކީ މިހާތަނަށް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު ބައިނަލްއަގުވާމީ ފުރަތަމަ ކުޅިވަރު ގޭމްސްއެވެ. ރާއްޖޭގައި ރަސްމީކޮށް ކުޅިވަރު ކުޅެންފެށިތާ 88 ވުރެން ގިނަ އަހަރުވެފައިވާއިރު، އައިއޯއައިޖީގެ ބިޑު ކާމިޔާބުވުމަކީ ދިވެހި ކުޅިވަރަށް ލިބުނު އެންމެ ބޮޑު ޝަރަފަށެވެ. އެންމެ ފަހުން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީ ބާއްވަން 2015 ވަނަ އަހަރު ރާއްޖޭން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އޭރުގެ ސަރުކާރުގެ އެއްބާރުލުމެއް ނުލިބުމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެކަން ހުއްޓާލިއެވެ.

- ކޮމެންޓް