އިޓާލިއަން ލީގުގައި ވާދަކުރަމުން އަންނަ ޖެނޯއާގެ 14 މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިދިޔަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ނާޕޮލީ އަތުން 6-0 ން ބަލިވި މެޗަށްފަހު ޖެނޯއާއިން ވަނީ އެ ކުލަބުގެ 14 މެންބަރަކު ވައިރަހަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ.
އިޓަލީގެ ރިޕޯޓުތައް ބުނާ ގޮތުން ޖެނޯއާގެ 14 މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، އޭގެ ތެރޭގައި އެ ޓީމުގެ 10 ކުޅުންތެރިންވެސް ހިމެނެއެވެ. މިހާތަނަށް ޖެނޯއާއިން ކޮވިޑް-19 ޖެހުނުކަން ހާމަކޮށްފައިވާ ކުޅުންތެރިންނަކީ ގޯލްކީޕަރު މަޓިއާ ޕެރިން އަދި މިޑްފީލްޑަރު ލަސޭ ޝޯނެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޖެނޯއާގެ 14 މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ ނާޕޮލީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ. އެހެންކަމުން ނާޕޮލީގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންވެސް އަލުން ވައިރަހަށް ޓެސްޓު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖެނޯއާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުލަބުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 14ށް އަރާފައިވާ ކަމަށާއި، އެހެންކަމުން މިހާރު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އިދާރާތަކާ ގުޅިގެން ވަރަށް ގާތުން ކަންކަން ބަލަމުންދާ ކަމަށެވެ.
ޖެނޯއާގެ 14 މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، އެ ޓީމުން މި ހަފުތާ ބަންދުގައި ޓޮރީނޯއާ ދެކޮޅަށް ކުޅެން ވަނީ ތާވަލުކޮށްފައެވެ. އެކަމަކު މި މެޗު ފަސްކުރުން އެކަށީގެންވާ ކަމަށް އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.