ކޮވިޑް-19 ގެ ސަބަބުން ހަރަމްފުޅު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލުމާއި އެކު ފުރަތަމަ މަރުހަލާގައި އުމްރާ ކުރަން ލިބޭނީ ތިން ގަޑިއިރު ކަމަށް ސައުދީގެ ނޫސްތަކުން ބުނެފިއެވެ.
އެގޮތުން އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހު ދެ ހަރަމަފުޅު ހުޅުވާލާއިރު، އެންމެ ފުރަތަމަ އުމްރާ ކުރުމުގެ ހުއްދަ ލިބޭނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންގެ ތެރެއިން މައްކާ ގައި ދިރިއުޅޭ ރައްޔިތުންނަށެވެ. އަދި މައްކާ ނޫން އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދެ ހަރަމްފުޅުގައި އަޅުކަން ކުރުމަށް ހުޅުވާލެވޭނީ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
މީގެ އިތުރުން ހަރަމްފުޅު ހުޅުވާލުމާއެކު އުމްރާގެ އަޅުކަން ކުރުމަށް ދާ ހުރިހާ އެންމެންވެސް ކޮވިޑް-19 އަށް ޓެސްޓުކޮށް، ޓެސްޓުގެ ރިސަލްޓް ނެގަޓިވްވާން ޖެހޭނެ ކަމަށް ސައުދީގެ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ބޮޑިތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ހަރަމްފުޅުގައި އަޅުކަން ކުރުމުގެ ހުއްދަ ނުލިބޭނެ ކަމަށް ވެސް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
އުމްރާގެ އަޅުކަން ހުޅުވާލާއިރު އަޅުކަން ކުރަން ދެވޭ މީހުންގެ އަދަދު ވަނީ ލިމިޓް ކޮށްފައެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ ހަރަމްފުޅުގެ 30 އިންސައްތަ ޖާގަ ފުރޭވަރުގެ މީހުންނެވެ. އެއީ ދުވާލަކު 6000 މީހުންނަށެވެ.
ސައުދީގައި ދިރިއުޅޭ އެހެން ރައްޔިތުންނަށް މިއަންނަ މަހު ހުއްދަ ދެވޭއިރު އެ މަރުހަލާ ތެރޭގައި ދުވާލަކު 15000 މީހުން އުމްރާގެ އަޅުކަން އަދާ ކުރުމުގެ ހުއްދަ ދޭނެއެވެ. އަދި ދުވާލަކު 40000 މީހުންނަށް ހަރަމްފުޅުގައި ނަމާދު ކުރުމުގެ ހުއްދަ ދޭނެއެވެ. އެއީ ހަރަމްފުޅުގެ ޖާގައިގެ 75 އިންސައްތަ ފުރޭވަރުގެ މީހުންނެވެ.
ދުނިޔޭގެ އެހެނިހެން ގައުމުތަކަށް އުމްރާގެ އަޅުކަން ކުރުމުގެ ހުއްދަ ދޭން ނިންމާފައިވަނީ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި މަރުހަލާގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 20000 މީހުންނަށެވެ. އަދި ދުވާލަކު ޙަރަމްފުޅަށް ވަދެވޭނީ 60000 މީހުންނަށެވެ. އެއީ ހަރަމްފުޅުގެ 100 އިންސައްތަ ފުރޭވަރުގެ މީހުންނެވެ.