ރައީސްއަށް ބާރުތައް ދިނުމަށް ނެގި ފެންނަ ނުފެންނަ ވޯޓް ކާމިޔާބު ކުރެއްވުމުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާންއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް އޮރްދޮޣާން އަށް މަރުހަބާ ވިދާޅުވުން ވެގެން ގޮސްފައިވަނީ ޔޫރަޕްގެ ލީޑަރުން ކަންބޮޑުވެ ވަަޑައިގެންނެވި ކަމަކަށެވެ.
ތުރުކީގެ ރައީސްއަށް ބާރުތައް ދޭން ފެންނަކަމަށް 51.4 އިންސައްތަ ވޯޓް ލިބިފައިވާއިރު ޔޫރަޕްގެ ލީޑަރުން ފާހަގަކުރައްވާގޮތުގައި އެއީ އެ ގައުމު ފަހަތަށް ދިއަ ދިއުމެކެވެ.
އޮރްދޮޣާން ތާއީދުކުރެއްވި ގޮތަށް ވޯޓްގެ ނަތީޖާ ނުކުމެފައިވަނީ ހަމަހަމަ ކެމްޕެއިނެެއްގެ ތެރެއިން ނޫންކަމަށް ބުނެ ބަައިނަލްއަގްވާމީ މުޖުތަމައުއިން ކިޔަމުން އަންނަ ފާޑުކިއުންތަކަށް އޮރްދޮޣާން ދެކޮޅު ހައްދަވައެވެ.
ހަނި އަޣްލަބިއްޔަތަކުން ކާމިޔާބު ކުރެވުނު ވޯޓުގައި މައްސަލަތައް ހުރިކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނިކޮށް އެގައުމުގެ އިންތިޚާބީ ކޮމިޝަނުންވަނީ އިންތިޚާބު ސައްޙަ ކަމަށް ކަނޑައަޅާފައެވެ.
ހޯމަ ދުވަހު ތުުރުކީއިންވަނީ އެގައުމުގައި އިއުލާނުކޮށްފައިވާ ކުއްލި ހާލަތު އިތުރު ތިން މަސްދުވަހަށް އިތުރުކޮށްފައެވެ.
މިދިއަ އަހަރު ޖުލައިމަހު ގެންނަން އުޅުނު ބަޣާވާތަށްފަހު އިއުލާނު ކުރި ކުއްލި ހާލަތުގެ މުއްދަތު އިތުރުކުރީ މުއްދަތު ހަމަވާން ދެ ދުވަހަށް ވެފައިވަނިކޮށެވެ.