ލުފްތަންސާ އިން އިތުރު މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ލުފްތަންސާ އިން ބުނީ އެކުންފުނިން އިތުރު މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމީ ކުންފުންޏަށް ލިބޭ އާމްދަނީއަށް މަހަކު 590 މިލިއަން ޑޮލަރުގެ ގެއްލުން ވަމުންދާތީ ކަމަށެެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން ޑިމާންޑަށް އައި ބަދަލާއި އެކު 2025 ވަނަ އަހަރަށް އެ ކުންފުނީގެ ފްލީޓްގެ އަދަދު 150 ފްލައިޓަށް މަދުކުރުމުގެ ވިސްނުން މިހާރު ގެންގުޅޭ ކަމަށް ލުފްތަންސާ އިން ފާހަގަކުރެއެވެ.
ކޮވިޑް-19 ގެ ސަބަބުން ކުންފުންޏަށް ލިބެން ފެށި ގެއްލުމުގެ ސަބަބުން މީގެ ކުރިން 22،000 މީހުން ވަޒީފާ އިން ވަކި ކުރި ނަމަވެސް މިފަހަރު ވަޒީފާއިން ވަކިކުރާނީ ކިހާ އަދަދެއްގެ މުވައްޒަފުން ކަމެއް ލުފްތަންސާ އިން ހާމައެއް ނުކުރެއެވެ.
އެހެން ނަމަވެސް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ ކުރިން ލޭބަރ ރިޕްރެޒެންޓޭޓިވްސް އާއި އެކު މަޝްވަރާކޮށް ކޮންމެހެން ވަކި ކުރަން ޖެހޭ މުވައްޒަފެއް ނޫން ނަމަ ވަޒީފާ އިން ވަކި ނުކުރާނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.