ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 22:49
ލިވަޕޫލަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ
ލިވަޕޫލަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ
ގެޓީ އިމޭޖަސް
މާނޭއަށް ފެބްރިގާސް ތާރީފުކުރުން
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކީ މާނޭ: ފެބްރިގާސް
ޗެލްސީ އަތުން ލިވަޕޫލް މޮޅުވީ މާނޭ ކާމިޔާބުކުރި ދެ ލަނޑާއެކު
މާނޭ އަންނަނީ ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން

އިނގިރޭސި ޕްރިމިއާ ލީގުގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ލިވަޕޫލަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ ކަމަށް މީގެ ކުރިން އާސެނަލާއި ޗެލްސީއަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު ސެސް ފެބްރިގާސް ބުނެފިއެވެ.

ފެބްރިގާސް މިހެން ބުނީ ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ޗެލްސީ އަތުން 2-0 ން ލިވަޕޫލް މޮޅުވި މެޗަށްފަހުއެވެ. މި މެޗުން ލިވަޕޫލް މޮޅުވީ މާނޭ ކާމިޔާބުކުރި ދެ ލަނޑާއެކުއެވެ.

އެ މެޗު ބެލުމަށްފަހު ކުރި ޓްވީޓެއްގައި ފެބްރިގާސް ބުނީ މާނޭ އަކީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ތަކުރާރުކޮށް އޭނާ ބުނާ ކަމަށެވެ.

މާނޭއަށް ފެބްރިގާސް ތާރީފުކުރިއިރު، މާނޭ އަންނަނީ ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ހޯދިއިރު، އޭނާއާ އެންމެ ބޮޑަށް ވާދަކޮށްފައިވަނީ މާނޭއެވެ.

މި ސީޒަނުގައި މިހާތަނަށް މާނޭ ދެ ލަނޑު ކާމިޔާބުކުރިއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި 18 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ލިވަޕޫލުން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕްގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މާނޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އުމުރުން މިހާރު 28 އަހަރުގެ މާނޭ ލިވަޕޫލާ ގުޅުނީ 2016 ވަނަ އަހަރުއެވެ. އެއަށްފަހު މިހާތަނަށް މާނޭ ވަނީ ލިވަޕޫލަށް ކުޅެދިން 173 މެޗުގައި 83 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ސެނެގާލްގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެދިން 69 މެޗުގައި އޭނާ ވަނީ 19 ލަނޑު ޖަހާފައެވެ.

މާނޭ މީގެ ކުރިން ވަނީ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) އިން ހޮވި އެފްރިކާގެ 2019 ވަނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް