ޓޮޓެންހަމް ހޮޓްސްޕާއާ ދާދި ފަހުން ގުޅުނު ވޭލްސްގެ ތަރި ގެރެތު ބޭލް އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އަވަހަށް އެނބުރި އަންނާނެ ކަމަށް އުންމީދުކުރާ ކަމަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިޔަން ޔޫރޯއަށް ރެއާލާ ގުޅުނު ބޭލް އަނބުރާ ޓޮޓެންހަމާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ރެއާލުން އުމުރުން 31 އަހަރުގެ ފޯވާޑް ލޯނު އުސޫލުން ދޫކޮށްފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ.
ބޭލްގެ ކަކުލަށް އަނިޔާވީ ޔުއެފާ ނޭޝަންސް ލީގުގައި ވޭލްސް އާއެކު ފަރިތަކުރަމުން ދަނިކޮށެވެ. ރިޕޯޓުތައް ބުނާ ގޮތުން ބޭލްގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް ނުކުމެވޭނެ ކަމަށް ބެލެވެނީ އޮކްޓޯބަރު މަހުގެ މެދު ތެރޭގައެވެ.
އެކަމަކު މޮރީނިއޯ ބުނީ ތާވަލުކުރެވިފައިވާ ދުވަހަށް ވުރެން ކުރިން ބޭލް އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، ބޭލާއެކު ޓޮޓެންހަމްގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ. އަދި އަލުން އެނބުރާ ޓޮޓެންހަމަށް އާދެވުމުން ބޭލް ހުރީ އެކަމާއި ހިތްހަމަޖެހިފައި ކަމަށާއި، އުންމީދަކީ ބޭލްގެ ފަރާތުން ސަޕޯޓަރުން އެދޭ ފަދަ މޮޅު ކުޅުމެއް ފެނިގެން ދިޔުން ކަމަށްވެސް މޮރީނިއޯ ބުންޏެވެ،
ސައުތެމްޓަން ދޫކޮށް 2007 ވަނަ އަހަރު ފަސް މިލިޔަން ޕައުންޑަށް ޓޮޓެންހަމާ ގުޅުނު ބޭލް އެންމެ ފުރަތަމަ ވިދާލީވެސް އެ ކުލަބުންނެވެ. އެގޮތުން ބޭލް ވަނީ ޓޮޓެންހަމްގައި ހޭދަކުރި ހަ ސީޒަނުގައި އެޓީމަށް 203 މެޗު ކުޅެދީ 55 ލަނޑު ކާމިޔާބުކޮށްފައެވެ.
އޭގެ ފަހުން ރެއާލަށް ބަދަލުވެ އެޓީމުގައި ބޭލް މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ރެއާލާއެކު ޖުމްލަ 12 ތަށި ހޯދާފައެވެ. އަދި ވަނީ ރެއާލަށް ކުޅެދިން 251 މެޗުގައި 105 ލަނޑު ކާމިޔާބުކޮށްފައެވެ. އެކަމަކު ރެއާލްގެ ކޯޗުގެ މަގާމާ ޒިނެދިން ޒިދާން ހަވާލުވި ފަހުން ބޭލަށް މާކަ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ބޭލް ރެއާލްގެ ޖާޒީގައި ފެނިގެން ގޮސްފައިވަނީ އެންމެ 14 މެޗުގައެވެ.