ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 21:33
މެންބަރު ސަލީމާއި ކުޅިވަރާ ބެހޭ ވަޒީރު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމުގެ ތެރެއިން
މެންބަރު ސަލީމާއި ކުޅިވަރާ ބެހޭ ވަޒީރު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ކުޅިވަރާ ބެހޭ ވުޒާރާ
ތުރާކުނު ޓާފް ދަނޑުގެ މަސައްކަތް
ތުރާކުނު ޓާފް ދަނޑަކީ އެ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ގުޅިފައިވާ ދަނޑެއް: މެންބަރު ސަލީމް
ޓާފް ދަނޑުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހޯއްދެވުމަށް މެންބަރު ސަލީމް ވަނީ ކުޅިވަރާ ބެހޭ ވަޒީރާ ބައްދަލުކުރައްވާފައި
ތުރާކުނު ޓާފް ދަނޑުގެ ބިން އެއްވަރުކުރުމުގެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

ހއ. ތުރާކުނުގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑަކީ އެ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ދަނޑެއް ކަމަށް ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ ދާއިރާގައި ހިމެނޭ ތުރާކުނުގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ޓާފް ދަނޑުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހޯއްދެވުމަށް ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވަނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާ އާދީއްތަ ދުވަހު ބައްދަލުކުރައްވާފައެވެ.

އާދީއްތަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވުނު ބައްދަލުވުމަށްފަހު ސަލީމް ވިދާޅުވީ ތުރާކުނުގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ޓާފް ދަނޑަކީ އެރަށުގެ ޒުވާނުންގެ އުންމީދާ ވަރަށް ބޮޑަށް ގުޅިފައިވާ މަސައްކަތެއް ކަމަށާއި، ތުރާކުނަށް ރަނގަޅު ފެންވަރުގެ ދަނޑެއް ލިބުން ވެގެންދާނީ މިހާރުވެސް ހުނަރުވެރި ކުދިންތަކެއް ތިބި ތުރާކުނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށެވެ. އަދި ދަނޑުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ތުރާކުނު ޓާފް ދަނޑުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު އެ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ތުރާކުނުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުޓްބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މިހާތަނަށް މި ސަރުކާރުން ވަނީ ހަތަރު ރަށެއްގެ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ. އެއީ ތ. ވިލުފުށީ ޓާފް ދަނޑާއި، ރ. އަލިފުށި ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑުގެ އިތުރުން ނ. ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް