ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 07:31
ސޮސިއެޑާޑާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި
ސޮސިއެޑާޑާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ފުރަތަމަ މެޗުގައި ޗެމްޕިއަން ރެއާލާއި ސޮސިއެޑާޑް އެއްވަރު
ސޮސިއެޑާޑާއި ރެއާލް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި
މި މެޗުގައި ރެއާލްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައެއް ނުވޭ

އައު ސީޒަނުގެ ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި ރެއާލް ސޮސިއެޑާޑާ އެއްވަރުވެއްޖެއެވެ.

ލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

ސޮސިއެޑާޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު، އެޓީމަށް މި މެޗުގައި މާ ގިނަ ހަމަލާތަކެއްވެސް އުފެއްދިފައެއް ނުވެއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ ސޮސިއެޑާޑުންނެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ސޮސިއެޑާޑުގެ އަލެކްސެންޑަ އައިސަކަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ރެއާލްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި ސޮސިއެޑާޑުގެ އަންޑާ ބަރެނެޓިއާއަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ރެއާލުން އެންމެ ނުރައްކާތެރި ހަމަލާއެއް އުފެއްދީ އެޓީމުގެ ފޯވާޑް ކަރިމް ބެންޒެމާއެވެ. އެކަމަކު މެޗުގެ 61 ވަނަ މިނެޓުގައި އޭރިއާ ބޭރުން ބެންޒެމާ ފޮނުވާލި ބާރު ހަމަލާ ސޮސިއެޑާޑުގެ ގޯލްކީޕަރު އެލެކްސް ރެމީރޯ ވަނީ މަތަކޮށްފައެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އެއްވަރުވިއިރު، ލީގުގައި ދެން އެޓީމުން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ. އެރޭ ރެއާލް ނުކުންނާނީ ރެއާލް ބެޓިސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް