ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 15:31
ބ. ހިތާދޫގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑު: ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ ހޮނިހިރު ދުވަހުގެރޭ
ބ. ހިތާދޫގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑު: ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ ހޮނިހިރު ދުވަހުގެރޭ
ހިތާދޫ އޮންލައިން
ފުޓްސަލް ދަނޑުގެ މަސައްކަތްތައް
ހިތާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި، ރަސްމީކޮށް ހުޅުވައިފި
ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ކޮޕެއިންސް އިންވެސްޓްމަންޓުން
ދަނޑުގެ މަސައްކަތަށް 1،387،756 ރުފިޔާ ޚަރަދުވެފައިވޭ

ބ. ހިތާދޫގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި ރަސްމީކޮށް އެ ދަނޑު ހުޅުވައިފިއެވެ.

ހިތާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ކޮޕެއިންސް އިންވެސްޓްމަންޓުންނެވެ. އެ ދަނޑުގައި ވަނީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓްވެސް ހަރުކޮށްފައެވެ. އަދި ދަނޑުގެ މަސައްކަތަށް 1،387،756 (އެއް މިލިޔަން ތިންސަތޭކަ އަށްޑިހަ ހަތްހާސް ހަތްސަތޭކަ ފަންސާސް ހައެއް) ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

އެ ދަނޑު ހުޅުވުމަށް ހޮނިހިރު ދުވަހުގެރޭ ހާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު، ދަނޑު ހުޅުވުމުގެ ގޮތުން ވަނީ ޒުވާނުންގެ މެދުގައި ހާއްސަ ފުޓްބޯޅަ މެޗެއް ކުޅެފައެވެ.

އަދި މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ހިތާދޫ އަކީ ފުޓްސަލްގައި ރާއްޖޭގެ ރަންވަނަތައް ހާސިލް ކުރަމުން އަންނަ ރަށެއް ކަމަށާއި، ހިތާދޫގެ ފުޓްސަލްގެ ކުރިމަގު މި ދަނޑުގެ ސަބަބުން އިތުރައް ކުރިއަރައިދާނެ ކަމަށް ދެކެލައްވާ ކަމަށެވެ. އަދި ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރާނީ އާބާދީއަށް ބެލުމެއް ނެތި ހަމަހަމަކަމާ އެކުގައި ތަރައްގީ އާއި ޒުވާނުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށް ކަމަށެވެ. އަދި ކުޅިވަރުގެ ރޮނގުން ހިތާދުއަށް އިތުރު ކަންތައްތަކެއް ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަޒީރު ވަނީ މި މަސައްކަތް ނިންމާލުމުގައި ޒުވާނުންނާއި އެ ރަށު ކައުންސިލުން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ހިތާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލިއިރު، ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު އަންނަނީ ގިނަ ފުޓްސަލް ދަނޑުތަކެއް އަޅަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާއަށްވެސް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އޭގެ ސަބަބުން ނުފެށި ހުރި ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހިފައިވާ ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެކަމަކުވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ކޮވިޑް-19 ގެ ކުރިން ވަރަށް ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށްފައި އޮތުމުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގިނަ މަޝްރޫއުތަކެއް ނިމިގެންދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް
20 ސެޕްޓެންބަރ 2020 | އާދީއްތަ 15:35
ާއަމީން
ޟަބަސް.