ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 11:57
އައިޕީއެލްގެ ފުރަތަމަ މެޗުގައި ޗެންނާއީ ސުޕަ ކިންގްސް އާއި މުމްބާއީ އިންޑިއަންސް ބައްދަލުކުރި މެޗުގެ ތެރެއިން
އައިޕީއެލްގެ ފުރަތަމަ މެޗުގައި ޗެންނާއީ ސުޕަ ކިންގްސް އާއި މުމްބާއީ އިންޑިއަންސް ބައްދަލުކުރި މެޗުގެ ތެރެއިން
އޭއެފްޕީ
އައިޕީއެލްގެ ކުޅުން ފެށުން
މި އަހަރުގެ އައިޕީއެލްގެ ކުޅުން ފަށައިފި
މި އަހަރުގެ މުބާރާތް ކުރިއަށްދަނީ ޔޫއޭއީގައި
ފުރަތަމަ މެޗުން ޗެންނާއީ ސުޕަ ކިންގްސް ވަނީ މުމްބާއީ އިންޑިއަންސް އަތުން މޮޅުވެފައި

މި އަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ކުޅުން ހޮނިހިރު ދުވަހުގެރޭ ފަށައިފިއެވެ.

މި އަހަރުގެ އައިޕީއެލް ފަށަން އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ މާޗު މަހުގެ 29 ވަނަ ދުވަހުއެވެ. އެކަމަކު ޓީ-20 މި މުބާރާތް ފަސްކުރަން އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) ނިންމީ ކޮވިޑް-19 އާ ގުޅިގެންނެވެ. އަދި އިންޑިއާގައި މި އަހަރު މި މުބާރާތް ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތުމުން، މި އަހަރުގެ މުބާރާތް ބޭއްވުމަށް ނިންމީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައެވެ. އަދި މެޗުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ.

އައިޕީއެލްގެ ކުޅުނު ހޮނިހިރު ދުވަހުގެރޭ ފެށިއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ މުމްބާއީ އިންޑިއަންސް އާއި ޗެންނާއީ ސުޕަ ކިންގްސްއެވެ. މި މެޗުން ދާދި ފަހުން ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާކުރި އިންޑިއާގެ ލެޖެންޑް އެމްއެސް ދޯނީގެ ޗެންނާއީ ސުޕަ ކިންގްސް މޮޅުވީ ފަސް ވިކެޓުންނެވެ. މިއީ ދޯނީގެ ކެޕްޓަން ކަމުގެ ދަށުން ޗެންނާއީ ސުޕަ ކިންގްސް މޮޅުވި 100 ވަނަ މެޗެވެ.

އަބޫ ދާބީގެ ޝެއިޚް ޒައިދު ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ޓޮސް ދިމާވުމުން ޗެންނާއީން ގަސްދުކުރީ ހޮވުމަށެވެ. އެހެންކަމުން މުމްބާއީ އިންޑިއަންސް ކުޅެން އަރާ 20 އޯވަރުގެ ތެރޭ ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 162 ލަނޑެވެ. ޖަވާބުގައި ޗެންނާއީ ސުޕަ ކިންގްސް ކުޅެން އަރާ 20 އޯވަރުގެ ތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން 166 ލަނޑު ހަދާ މެޗު ވަނީ ކާމިޔާބުކޮށްފައެވެ.

ޔޫއޭއީގައި އައިޕީއެލްގެ ކުޅުން ފެށިއިރު، މި މުބާރާތުގެ 53 މެޗު ޔޫއޭއީގެ ތިން ސިޓީއެއްގައި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ޔޫއޭއީގައި މި މުބާރާތް ކުރިއަށްދާއިރު، މި މުބާރާތް މީގެ ކުރިންވެސް ވަނީ ޔޫއޭއީގައި ބާއްވާފައެވެ. އެގޮތުން 2014 ވަނަ އަހަރުގެ މުބާރާތުގެ އެއްބައި ވަނީ ޔޫއޭއީގައި ކުޅެފައެވެ. އަދި 2009 ވަނަ އަހަރު މި މުބާރާތް ވަނީ ސައުތު އެފްރިކާގައި ބާއްވާފައެވެ. އޭރު މުބާރާތް ސައުތު އެފްރިކާއަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް