ކ. މާލެ
|
19 ސެޕްޓެންބަރ 2020 | ހޮނިހިރު 22:32
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލް
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލް
ގެޓީ އިމޭޖަސް
ބޭލް އާއި ރެގީލޯން ޓޮޓެންހަމަށް ބަދަލުވުން
ރެއާލްގެ ދެ ކުޅުންތެރިން ކަމަށްވާ ބޭލް އާއި ރެގީލޯން ޓޮޓެންހަމަށް
ބޭލް އަނބުރާ ޓޮޓެންހަމާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން
ރެގީލޯން ޓޮޓެންހަމާ ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލް އާއި އެޓީމުގެ ސްޕެއިންގެ ފޯވާޑް ސާޖިއޯ ރެގީލޯން ޓޮޓެންހަމް ހޮޓްސްޕާއަށް ބަދަލުވެއްޖެއެވެ.

ބޭލް އާއި ރެގީލޯން ޓޮޓެންހަމާ ގުޅުނުއިރު، މި ދެ ކުޅުންތެރިންނަކީވެސް މެންޗެސްޓާ ޔުނައިޓެޑުން މި ޓްރާންސްފާ ބާޒާރުގައި ހޯދަން މަސައްކަތް ކުރި ދެ ކުޅުންތެރިންނެވެ.

ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިޔަން ޔޫރޯއަށް ރެއާލާ ގުޅުނު ބޭލް އަނބުރާ ޓޮޓެންހަމާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ރެއާލުން އުމުރުން 31 އަހަރުގެ ފޯވާޑް ލޯނު އުސޫލުން ދޫކޮށްފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ.

ސައުތެމްޓަން ދޫކޮށް 2007 ވަނަ އަހަރު ފަސް މިލިޔަން ޕައުންޑަށް ޓޮޓެންހަމާ ގުޅުނު ބޭލް އެންމެ ފުރަތަމަ ވިދާލީ އެ ކުލަބުންނެވެ. އެގޮތުން ބޭލް ވަނީ ޓޮޓެންހަމްގައި ހޭދަކުރި ހަ ސީޒަނުގައި އެޓީމަށް 203 މެޗު ކުޅެދީ 55 ލަނޑު ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުން ރެއާލަށް ބަދަލުވެ އެޓީމުގައި ބޭލް މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ރެއާލާއެކު ޖުމްލަ 12 ތަށި ހޯދާފައެވެ. އަދި ވަނީ ރެއާލަށް ކުޅެދިން 251 މެޗުގައި 105 ލަނޑު ކާމިޔާބުކޮށްފައެވެ. އެކަމަކު ރެއާލްގެ ކޯޗުގެ މަގާމާ ޒިނެދިން ޒިދާން ހަވާލުވި ފަހުން ބޭލަށް މާކަ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ބޭލް ރެއާލްގެ ޖާޒީގައި ފެނިގެން ގޮސްފައިވަނީ އެންމެ 14 މެޗުގައެވެ.

ރެއާލަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް ސާޖިއޯ ރެގީލޯން

މީގެ އިތުރުން ޓޮޓެންހަމުން އުމުރުން 23 އަހަރުގެ ރެގީލޯންގެ ސޮއި ހޯދިއިރު، އޭނާ ޓޮޓެންހަމާ ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ޓޮޓެންހަމުން ވަނީ ރެގީލޯންގެ ސޮއި ހޯދުމަށް 28 މިލިޔަން ޕައުންޑް ޚަރަދުކޮށްފައެވެ.

ރެއާލްގެ ލޯނު އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަނުގައި ސެވިއްޔާއަށް ކުޅެ އެ ޓީމާއެކު ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ރެގީލޯން ހޯދަން ސެވިއްޔާއިން ވަނީ ސީޒަން ނިމުމާއެކު މަސައްކަތް ކޮށްފައެވެ. ރެއާލް ޔޫތު ޓީމުން ކެރިއަރު ފެށި ރެގީލޯން މިދިޔަ ސީޒަނުގައި ސެވިއްޔާގައި މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ސެވިއްޔާއަށް މިދިޔަ ސީޒަނުގައި 38 މެޗު ކުޅެދީ ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ސްޕެއިންގެ ޗެމްޕިއަން ރެއާލަށް އޭނާ ވަނީ 22 މެޗު ކުޅެދީފައެވެ.

ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުންވެސް ރެގީލޯން ވަނީ ދާދި ފަހުން ޖާގަ ހޯދާފައެވެ. އެގޮތުން މި މަހުގެ ކުރީކޮޅު ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި ސްކޮޑުން ރެގީލޯން ޖާގަ ހޯދިއިރު، އޭނާ ވަނީ ޔޫކްރޭން އަތުން 4-0 ން ސްޕެއިން މޮޅުވި މެޗުގައި ކުޅެން އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް