ކ. މާލެ
|
19 ސެޕްޓެންބަރ 2020 | ހޮނިހިރު 21:55
ސާޖިއޯ އަގުއޭރޯ ސިޓީގެ މެޑިކަލް ޓީމާއެކު: އޭނާއަށް އަނިޔާވީ ޕްރިމިއާ ލީގުގައި ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައި
ސާޖިއޯ އަގުއޭރޯ ސިޓީގެ މެޑިކަލް ޓީމާއެކު: އޭނާއަށް އަނިޔާވީ ޕްރިމިއާ ލީގުގައި ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައި
ގެޓީ އިމޭޖަސް
އަގުއޭރޯގެ ކަކުލުގެ އަނިޔާ
ޕްރިމިއާ ލީގުގެ ފުރަތަމަ ދެ މަސް އަގުއޭރޯއަށް ގެއްލިދާނެ
އަގުއޭރޯއަށް އަނިޔާވީ ޖޫން މަހު ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައި
އަގުއޭރޯއަށް ވަނީ އަނިޔާގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި
ނޮވެމްބަރު މަހުގެ ކުރިން އަގުއޭރޯ ފިޓްވާނެކަމާ މެދު ޝައްކު

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ ދެ މަހުގައި ފޯވާޑް ސާޖިއޯ އަގުއޭރޯއަށް ނުކުޅެވިދާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އަގުއޭރޯއަށް އަނިޔާވީ ޖޫން މަހުގެ 23 ވަނަ ދުވަހު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި 5-0 ބާންލީ އަތުން ސިޓީ މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެ މެޗުގައި އަގުއޭރޯގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. އަދި ކަކުލަށް ލިބުނު އަނިޔާއަށް އިތުރު ފަރުވާ ހޯދަން އަގުއޭރޯ ސްޕެއިންގެ ބާސެލޯނާއަށް ދިޔައިރު، އަގުއޭރޯ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

މީގެ ކުރިން ބެލެވިފައި އޮތީ އެ އަނިޔާއާ ގުޅިގެން ހަ ހަފުތާއަށް އޭނާ ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށެވެ. އެކަމަކު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ސިޓީން ކުޅުނު ފަހު 10 މެޗާއި އޮގަސްޓް މަހު އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ މެޗުގައިވެސް އަގުއޭރޯއަށް ކުޅެވިފައެއް ނުވެއެވެ.

ދާދި ފަހުން ގާޑިއޯލާ ބުނީ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އުމުރުން 32 އަހަރުގެ ފޯވާޑަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ނޮވެމްބަރު މަހުގެ ކުރިން އަގުއޭރޯ ފިޓްވާނެކަމާ މެދު ޝައްކު ކަމަށެވެ. އަދި އަގުއޭރޯއަކީ އެހާ އަވަހަށް އަނިޔާއިން އެއްކޮށް ފިޓްވާނެ ކުޅުންތެރިއެއް ނޫން ކަމަށާއި، އެގޮތުން މިހާތަނަށް ސިޓީން ކުރިއަށް ގެންދިޔަ އެއްވެސް ފަރިތަކުރުމެއްގައި އަގުއޭރޯ ބައިވެރިވެފައިނުވާ ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

ސިޓީގެ ތަޖުރިބާކާރު ފޯވާޑް އަގުއޭރޯ އަނިޔާގައި ހުރިއިރު، ސިޓީން ވަނީ މި ޓްރާންސްފާ ބާޒާރުގައި ވެލެންސިއާގެ ޒުވާން ފޯވާޑް ފެރާން ޓޮރޭސް އެ ކުލަބަކަށް ގެނެސްފައެވެ.

އައު ސީޒަނުގެ ޕްރިމިއާ ލީގުގައި ސިޓީ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހުގެރޭ ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް