ކ. މާލެ
|
19 ސެޕްޓެންބަރ 2020 | ހޮނިހިރު 21:29
ވޭލްސްގެ ތަރި ގެރެތު ބޭލާއި ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން
ވޭލްސްގެ ތަރި ގެރެތު ބޭލާއި ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން
ގެޓީ އިމޭޖަސް
ޒިދާނާއި ބޭލްގެ ގުޅުން
ބޭލާ ދެމެދު އެއްވެސް އިރެއްގައި މައްސަލައެއް ނުޖެހޭ: ޒިދާން
ޒިދާނާއި ބޭލްގެ ގުޅުން އެންމެ ރަނގަޅު ނޫން ކަމަށް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައި
ލޯނު އުސޫލުން ބޭލް އެނބުރި ޓޮޓެންހަމަށް ބަދަލުވުމަށް ވަނީ އެއްބަސްވެފައި

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލާ ދެމެދު އެއްވެސް އިރެއްގައި މައްސަލައެއް ޖެހިފައި ނުވާ ކަމަށް އެޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.

ޒިދާނާއި ބޭލްގެ ގުޅުން އެންމެ ރަނގަޅު ނޫން ކަމަށް ބުނެ، ސްޕެއިނުގެ މީޑިއާގައި މީގެ ކުރިން ވަނީ ގިނަ ވާހަކަތަކެއް ދެކެވިފައެވެ. އަދި ބޭލް އެ ޓީމުގައި މަޑުކުރުވަން ޒިދާން ބޭނުންނުވާ ކަމަށް ތުހުމަތުކޮށްވެސް ވަނީ މީޑިއާގައި އެކި ވާހަކަތައް ފެތުރިފައެވެ.

ރެއާލްގެ ކޯޗުކަމާ ޒިނެދިން ޒިދާން ހަވާލުވި ފަހުން، ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިޔަން ޔޫރޯއަށް ރެއާލާ ގުޅުނު ބޭލަށް މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.

މި ޓްރާންސްފާ ބާޒާރުގައި ލޯނު އުސޫލުން ބޭލް ޓޮޓެންހަމަށް އަލުން ބަދަލުވާއިރު، މިހާރު އޭނާ ވަނީ ޓޮޓެންހަމްގެ އެއްބަސްވުމުގެ ކަންކަން ނިންމުމަށް އިންގްލެންޑަށް ގޮސްފައެވެ.

ދާދި ފަހުން ޒިދާން ބުނީ ބޭލް ރެއާލް ދޫކޮށް ދަނީ އޭނާގެ ސަބަބުން ނޫން ކަމަށާއި، ބޭލާ ދެމެދު ދުވަހަކުވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށެވެ. އަދި އަބަދުވެސް ކޮންމެވެސް މައްސަލައެއް ފެންމަތިވާނެ ކަމަށާއި، އެކަމަކު ބޭލް ރެއާލް ދޫކޮށްލި ނަމަވެސް، އޭނާއަށް އަބަދުވެސް ކާމިޔާބީއަށް އެދޭ ކަމަށް ޒިދާން ވަނީ ބުނެފައެވެ.

ލޯނު އުސޫލުން ބޭލް ޓޮޓެންހަމާ ގުޅޭއިރު، ރިޕޯޓުތައް ބުނާގޮތުން ޓޮޓެންހަމުން ވަނީ ރެއާލުން ބޭނުންވާ ލޯނު ފީ ދައްކަން އެއްބަސްވެފައެވެ. އަދި ލޯނު އެއްބަސްވުމުގެ ދަށުން ބޭލްގެ މުސާރައިގެ އެއްބައި ދައްކާނީ ރެއާލުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ބޭލް ޓޮޓެންހަމަ ގުޅޭއިރު، އުމުރުން 31 އަހަރުގެ ފޯވާޑް ހޯދަން މެންޗެސްޓާ ޔުނައިޓެޑުންވެސް ވަނީ މަސައްކަތް ކޮށްފައެވެ. ބޭލް މިހާރު ރެއާލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުއެވެ. އެކަމަކު މި ފަހަކަށް އައިސް ރެއާލްގެ ފުރަތަމަ އެގާރައިން ބޭލްއަށް ޖާގައެއް ނުލިބެއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ބޭލް ރެއާލްގެ ޖާޒީގައި ފެނިގެން ގޮސްފައިވަނީ އެންމެ 14 މެޗުގައެވެ.

އެކަމަކު މީގެ ކުރިން ރެއާލްގައި ބޭލް މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ރެއާލާއެކު ޖުމްލަ 12 ތަށި ހޯދާފައެވެ. އަދި ވަނީ ރެއާލަށް ކުޅެދިން 251 މެޗުގައި 105 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް