ކ. މާލެ
|
19 ސެޕްޓެންބަރ 2020 | ހޮނިހިރު 21:22
ލިވަޕޫލާ ގުޅުނު ޕޯޗުގަލްގެ ޒުވާން ފޯވާޑް ޑިއޯގޯ ޔޮޓާ
ލިވަޕޫލާ ގުޅުނު ޕޯޗުގަލްގެ ޒުވާން ފޯވާޑް ޑިއޯގޯ ޔޮޓާ
ގެޓީ އިމޭޖަސް
ޔޮޓާ ލިވަޕޫލަށް ބަދަލުވުން
ވުލްވްސް ދޫކޮށް ޔޮޓާ ލިވަޕޫލަށް
ޔޮޓާ ވަނީ ލިވަޕޫލާއެކު ދިގު މުއްދަތެއްގެ އެއްބަސްވުމެއް ހަދާފައި
ޔޮޓާ ހޯދުމަށް ލިވަޕޫލުން ވަނީ 45 މިލިޔަން ޕައުންޑް ޚަރަދުކޮށްފައި

ވުލްވްސްއަށް ކުޅެމުން އައި ޕޯޗުގަލްގެ ޒުވާން ފޯވާޑް ޑިއޯގޯ ޔޮޓާ ލިވަޕޫލަށް ބަދަލުވެއްޖެއެވެ.

އުމުރުން 23 އަހަރުގެ ފޯވާޑް ވަނީ ލިވަޕޫލާއެކު ދިގު މުއްދަތެއްގެ އެއްބަސްވުމެއް ހަދާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޔޮޓާ ހޯދުމަށް ލިވަޕޫލުން ވަނީ 45 މިލިޔަން ޕައުންޑް ޚަރަދުކޮށްފައެވެ. އަދި މި ޑީލްގެ ދަށުން ލިވަޕޫލުން ވަނީ އެޓީމަށް ކުޅެމުން އައި ޒުވާން ޑިފެންޑަރު ކި-ޔާނާ ހޮއެވާ 10 މިލިޔަން ޕައުންޑަށް ވުލްވްސްއަށް ވިއްކާލާފައެވެ.

މީގެ ކުރިން އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯއަށްވެސް ކުޅުނު ޔުޓާ ލިވަޕޫލަށް ބަދަލުވުމަށްފަހު ބުނީ މިއީ އޭނާ އަށާއި އޭނާގެ އާއިލާއަށް ހާއްސަ ވަގުތުކޮޅެއް ކަމަށެވެ. އަދި ކުޑައިރުން ފެށިގެން ލިވަޕޫލް ކަހަލަ ބޮޑު ކުލަބަކާ ގުޅުމަކީ ހުވަފެނެއް ކަމަށާއި، ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ލިވަޕޫލަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ކުލަބު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެތުލެޓިކޯގެ ލޯނު އެއްބަސްވުމެއްގެ ދަށުން 2017 ވަނަ އަހަރުގެ ޖުލައި މަހު ވުލްވްސްއާ ގުޅުނު ޔޮޓާގެ އެއްބަސްވުން ވުލްވްސްއިން ދާއިމީކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އެގޮތުން ވުލްވްސްއިން ވަނީ ޔޮޓާގެ އެއްބަސްވުން ދާއިމީ ކުރުމަށް 12.8 މިލިޔަން ޕައުންޑް ޚަރަދުކޮށްފައެވެ. ވުލްވްސްގައި ހޭދަކުރި ތިން ސީޒަނުގައި ޔޮޓާ ވަނީ އެޓީމަށް ކުޅެދިން 131 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ.

ލިވަޕޫލުން ޔޮޓާގެ ސޮއި ހޯދިއިރު، މިއީ މި ޓްރާންސްފާ ބާޒާރުގައި ލިވަޕޫލާ ގުޅުނު ތިންވަނަ ކުޅުންތެރިޔާއެވެ. ދާދި ފަހުން ލިވަޕޫލުން ވަނީ 20 މިލިޔަން ޕައުންޑް ޚަރަދުކޮށް ބަޔާން މިއުނިކް ކުޅެމުން އައި ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާގެ ސޮއި ހޯދާފައެވެ. އަދި އޭގެ ކުރިން ލިވަޕޫލުން ވަނީ އޮލިމްޕިއާކޯސްއަށް ކުޅެމުން އައި ގްރީސްގެ ޑިފެންޑަރު ކޮސްޓަސް ސިމިކާސްގެ ސޮއިވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް