ޔޫއޭއީން އުފައްދަމުން އަންނަ ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް އެގައުމުގެ ހެލްތް މިނިސްޓަރ އަބްދުއްރަހުމާން ބިން މުހައްމަދު އަލް އޮވައިސް ހޮނިހިރު ދުވަހު ޖައްސަވައިފިއެވެ.
މިނިސްޓަރ އޮވައިސް ވެކްސިން ޖައްސަވާފައިވަނީ އެގައުމުގެ ފްރަންޓްލައިން މަސައްކަތްތެރިން ރައްކާތެރި ކުރުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އޮވައިސް ވިދާޅުވީ އެ ގައުމުން ބޭނުން ވަނީ މި ނާޒުކު ދަނޑިވަޅުގައި ނުރައްކަލަށް ހުށަހެޅިފައިވާ މަސައްކަތްތެރިން ރައްކާތެރި ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ވެކްސިން ރައްކާތެރި ކަމަށާއި، އޭގެ އަސަރު ފެންނަ ކަމަށެވެ. މީގެ އިތުރުން ހެދިފައިވާ ގަވާއިދުތަކާއި ގާނޫނުތަކަށް ފެތޭ ކަމަށާއި، މަސައްކަތް ކުރުމަށް އަވަސް މުއްދަތެއްގައި ލައިސަންސް ލިބިގެންދާނެ ކަމަށެވެ.
ކޮވިޑް-19 ގެ ނެޝަނަލް ކްލިނިކަލް ކޮމިޓީގެ ޗެއަރ ޑރ. ނަވާލް އަލް ކާބީ މީގެ ކުރިން ވިދާޅުވެފައިވަނީ ވެކްސިންގެ ކްލިނިކަލް ޓްރައަލްގެ ތިންވަނަ މަރުހަލާ ކުރިއަށް ދަނީ ރަނގަޅަށް ކަމަށާއި، މިހާތަނަށް ހެދި ހުރިހާ ޓެސްޓް ތަކެއްގެ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ. ޔުއޭއީގެ ވެކްސިން ޓްރައަލްސް ފެށި ފަހުން މިހާތަނަށް 125 ގައުމަކުން 31،000 މީހުން ދަނީ ބައިވެރިވަމުންނެވެ. މީގެ އިތުރުން ވެކްސިން ޖަހައިގެން ފެންނަ ސައިޑް އެފެކްޓްސް ވަރަށް ކުޑަ ކަމަށާއި، ބޮޑު ކަމެއް މިހާތަނަށް ދިމާވާ ނުވާ ކަމަށެވެ.
އޮފިޝަލުން ބުނެފައިވަނީ ވެކްސިންގެ އިވެލުއޭޝަން ހަދާފައިވަނީ ލިމިޓެޑްކޮށް އެމަރޖެންސީ ގައި ހާއްސަ ލައިސެންސެއްގެ ދަށުން ކަމަށެވެ. އަދި ވެކްސިންގެ ޓްރައަލްސް ކުރިއަށް ގެންދަނީ ވަކި ގްރޫޕުތަކަށް އަމާޒު ކޮށްގެން ކަމަށާއި، އުފައްދާ މިންވަރާއި، ކްލިނިލަކް ދިރާސާތަކުން ކޮލިޓީ ކޮންޓްރޯލްކޮށް ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.
ޔޫއޭއީގައި ފޭސް 3ގެ ވެކްސިން ޓްރައަލްތައް އަބޫދާބީ ގައި ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.