ކ. މާލެ
|
19 ސެޕްޓެންބަރ 2020 | ހޮނިހިރު 16:14
އިޓާލިއަން ލީގުގެ ޗެމްޕިއަން ޔުވެންޓަސްގެ ސަޕޯޓަރުން: ދަނޑުތަކަށް 1،000 ސަޕޯޓަރުން ވެއްދުމުގެ ހުއްދަ ވަނީ ދީފައި
އިޓާލިއަން ލީގުގެ ޗެމްޕިއަން ޔުވެންޓަސްގެ ސަޕޯޓަރުން: ދަނޑުތަކަށް 1،000 ސަޕޯޓަރުން ވެއްދުމުގެ ހުއްދަ ވަނީ ދީފައި
ގެޓީ އިމޭޖަސް
ސަޕޯޓަރުންނަށް ދަނޑުތައް ހުޅުވާލުން
އިޓަލީގެ ދަނޑުތަކަށް 1،000 ސަޕޯޓަރުން ވައްދަނީ
އައު ސީޒަނުގެ އިޓާލިއަން ލީގު ހޮނިހިރު ދުވަހުގެރޭ
ފުޓްބޯޅައިގެ އިތުރުން އިޓާލިއަންގެ ސެމީ އާއި ފައިނަލް މެޗު ބަލަންވެސް ސަޕޯޓަރުންނަށް ވަދެވޭނެ

އާދީއްތަ ދުވަހުން ފެށިގެން ދަނޑުތަކަށް 1،000 ސަޕޯޓަރުން ވެއްދުމުގެ ހުއްދަ އިޓަލީގެ ސަރުކާރުން ދީފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗު މަހު އިޓަލީގައި ކުޅިވަރު ހަރަކާތްތައް މެދުކަނޑާލިއިރު، ޖުލައި މަހު އަލުން ފެށި މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގެ މެޗުތައް ކުރިއަށްދިޔައީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ. އަދި ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.

އެކަމަކު އިޓަލީގެ ސަރުކާރުން ވަނީ އާދިއްތަ ދުވަހުން ފެށިގެން ދަނޑުތަކަށް 1،000 ސަޕޯޓަރުން ވެއްދުމުގެ ހުއްދަ ދީފައެވެ. އެހެންކަމުން އައު ސީޒަނުގެ އިޓާލިއަން ލީގު ހޮނިހިރު ދުވަހުގެރޭ ފަށާއިރު، ހޮނިހިރު ދުވަހުގެރޭ ފިއޮރެންޓީނާ އާއި ޓޮރީނޯ ބައްދަލުކުރާ މެޗު ބަލަން ސަޕޯޓަރުން ދަނޑަށް ނުވެއްދުނު ނަމަވެސް، މި ހަފުތާގައި ކުޅޭ އެހެން މެޗުތައް ބަލަން ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެއެވެ.

އެއާއެކު އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއިން ސަމްޕްޑޯރިއާއާ ދެކޮޅަށް ކުޅޭ މެޗު ބަލަން ސަޕޯޓަރުން ދަނޑަށް ވައްދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ ވިދާޅުވީ އާދީއްތަ ދުވަހުން ފެށިގެން ދަނޑުތަކަށް 1،000 ސަޕޯޓަރުން ވެއްދުމުގެ ހުއްދަ ދޭއިރު، ހުރިހާ ފަރާތްތަކުންވެސް ކަނޑައަޅާފައިވާ ހާއްސަ އުސޫލުތަކަށް ފުރިހަމައަށް ބޯލަނބަން ޖެހޭނެ ކަމަށެވެ. އަދި ފުޓްބޯޅައިގެ އިތުރުން އިޓަލީގައި މިހާރު ކުރިއަށްދާ އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލާއި ފައިނަލް މެޗު ބަލަންވެސް 1،000 ސަޕޯޓަރުންނަށް ވަދެވޭނެ ކަމަށް ވިދާޅުވިއެވެ.

އިޓަލީން ދަނޑުތަކަށް 1،000 ސަޕޯޓަރުން ވައްދާއިރު، ދާދި ފަހުން ޖަރުމަނުން ވަނީ ކުރިއަށް އޮތް ހަ ހަފުތާގައި ޖަރުމަން ލީގުގައި ކުޅޭ މެޗުތައް ބަލަން 20 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވެއްދުމުގެ ހުއްދަ ދީފައެވެ. އެހެންކަމުން ޖަރުމަން ލީގު ވެފައިވަނީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ސަޕޯޓަރުންނަށް ދަނޑުތައް ހުޅުވާލި ފުރަތަމަ ލީގަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް