އަންނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ލިބެން ހުންނާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައިވީ ނަމަވެސް އެމެރިކާގެ ސިއްހީ މާހިރުން މިކަމާ ދެކޮޅު ހަދައެވެ. އަދި ފުރިހަމަ ވެކްސިނެއް ލިބޭނެ ދުވަހެއް ނޭނގުނު ނަމަވެސް ސިއްހީ މާހިރުންގެ އަންދާޒާތަކާ ހިލާފަށް ޓްރަމްޕް ވަނީ އަންނަ އަހަރު ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޓްރަމްޕް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން 100 މިލިއަން ޑޯޒްގެ ވެކްސިން އުފެއްދޭނެ ކަމަށާއި، ކަންކަން ރޭވިފައިވާ ގޮތުން އެއަށްވުރެ އިތުރަށް ވެސް އަހަރު ނިމޭ އިރު ވެކްސިން އުފެއްދިދާނެ ކަމަށެވެ. މީގެ އިތުރުން ކޮންމެ މަހެއްގެ މައްޗަށް މިލިއަނުން ވެކްސިން ޑޯޒް ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުން ޓްރަމްޕް ވަނީ އަންނަ އަހަރުގެ އެޕްރީލް މަސް އަންނަންވާ އިރަށް އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ލިބެން ހުންނާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ މި އަންދާޒާ ތަކަކީ ވެކްސިން އުފައްދަން ހަމަޖެހިފައިވާ ރޭޓަށް ބަލާފައި އަންދާޒާ ކުރެއްވޭ ވަރު ކަމަށެވެ. ވައިޓްހައުސްގެ ކޮރޯނާވައިރަސްގެ އެޑްވައިޒަރު ސްކޮޓް އެޓްލާސް ވިދާޅުވީ ވެކްސިން ދޭން ފަށާއިރު ކެޓަގަރީތަކަށް ބަހާލެވިގެންދާނެ ކަމަށާއި، ލިސްޓުގެ އެންމެ ކުރީގައި ހިމެނޭނީ ހައިރިސްކް މީހުންނާއި މަސައްކަތްތަކުގައި ޝާމިލުވެ އުޅޭ ފަރާތްތައް ކަމަށެވެ. އަދި އޭޕްރިލްގެ ނިޔަލަށް ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، ވެކްސިން ޖެހުމަށް އެއްވެސް މީހަކަށް މަޖުބޫރު ނުކުރާނެ ކަމަށް ވެސް އެޓްލާސް ވިދާޅުވިއެވެ.
މީގެ ކުރިން އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރ ޑރ. ރޮބަރޓް ރެޑްފީލްޑް މި ހަފްތާގެ ކުރީކޮޅު ސެނެޓްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ވެކްސިން ލިބޭނެ ކަމަށް ގަބޫލު ކުރެއްވެނީ އަންނަ އަހަރުގެ ދެވަނަ ނުވަތަ 3 ވަނަ ކުއާޓާގައި ކަމަށެވެ. ނަމަވެސް ރެޑްފީލްޑްވެ މި ވާހަކަތާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރެއްވުމުން ޓްރަމްޕް ވިދާޅުވީ ރެޑްފީލްޑްއަށް އެހެން ވިދާޅުވެވުނީ އޮޅިގެން ކަމަށެވެ. އަދި ރެޑްފީލްޑުގެ އަންދަޒާތަކަށް ވުރެ އަވަހަށް ވެކްސިން ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގައި މިހާތަނަށް 6.9 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 2 ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް 4.1 މިލިއަން މީހުން ބަލިން ރަނގަޅުވެފައިވާ އިރު އަދިވެސް 2.5 މިލިއަން މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.