ކ. މާލެ
|
19 ސެޕްޓެންބަރ 2020 | ހޮނިހިރު 15:13
ކްރިކެޓް ބޯޑުގެ މިހާރުގެ ރައީސް މުޙައްމަދު އަފްލާހް (އަފޫ): އައު ދައުރަކަށް ކުރިމަތިލުމަށް އަދި ވަކި ގޮތެއް ނުނިންމަވާ
ކްރިކެޓް ބޯޑުގެ މިހާރުގެ ރައީސް މުޙައްމަދު އަފްލާހް (އަފޫ): އައު ދައުރަކަށް ކުރިމަތިލުމަށް އަދި ވަކި ގޮތެއް ނުނިންމަވާ
ހުސައިން ފަރިޔާޒް
ކްރިކެޓް ބޯޑުގެ އިންތިޚާބު
ކްރިކެޓް ބޯޑުގެ އިންތިޚާބު އަންނަ ހަފުތާގެ ހޮނިހިރު ދުވަހު
ރައީސްގެ މަގާމަށް ކުރީގެ ނައިބު ރައީސް މުޙައްމަދު ފައިސަލް (ބޮޑޭ) ކުރިމަތިލައްވާނެ
މިފަހަރުގެ އިންތިޚާބުގައި ވާދަކުރުމާ މެދު އަފޫ އަދި ވަކިގޮތެއް ނުނިންމަވާ
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 16 ފަރާތަކަށް ލިބިގެންދާނެ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އިންތިޚާބު މި މަހުގެ 26 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ކްރިކެޓް ބޯޑުން ބުނީ މި އިންތިޚާބުގައި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

ކްރިކެޓް ބޯޑުގެ އިންތިޚާބުގައި ހިންގާ ކޮމިޓީއަށް ނުވަ މެންބަރުން އިންތިޚާބު ކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް އާއި، ނައިބު ރައީސް އާއި، ފުލް މެންބަރުންގެ ގޮތުގައި ހަތަރު މެންބަރުންނާއި، އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ދެ މެންބަރުން އަދި ފަރުދީ އެއް މެންބަރެވެ. ހަޒާންދާރާއި ޖެނަރަލް ސެކްރެޓަރީ އައްޔަން ކުރާނީ އިންތިޚާބުވާ ހިންގާ ކޮމިޓީންނެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 16 ފަރާތަކަށް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލް މެންބަރުންގެ ގޮތުގައި ހިމެނޭ 15 ކުލަބުގެ އިތުރުން ސްކޫލުތަކުން އަންނަ އެއް ވޯޓެވެ. ސްކޫލުތަކުގެ ތެރެއިން ވޯޓްލާނެ ސްކޫލެއް ކަނޑައަޅާނީ ނުވަ ސްކޫލުގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ކްރިކެޓް ބޯޑުގެ އިންތިޚާބު އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 10 ޖަހާއިރު ހ. ބޯޅަގޭގައެވެ. އެގޮތުން މި އިންތިޚާބުގައި ފުރަތަމަ ކުރިއަށްދާނީ ސްކޫލުތަކުން އިންތިޚާބުގައި ވޯޓްލާނެ ސުކޫލެއް ކަނޑައެޅުމެވެ.

ކްރިކެޓް ބޯޑުގެ އިންތިޚާބުގައި ކުރީގެ ސަރުކާރުގައި ރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމު އަދާކޮށްފައިވާ މުޙައްމަދު ފައިސަލް (ބޮޑޭ) ކުރިމަތިލައްވާނެކަން ޔަގީން ކުރެވިފައިވާއިރު، މިހާރުގެ ރައީސް މުޙައްމަދު އަފްލާހް (އަފޫ) އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. ފައިސަލާއެކު އަފޫގެ ހިންގާ ކޮމިޓީގައި ހިމެނޭ މެމްބަރުން ތިބިއިރު، ފައިސަލަށް ތާއިދުކުރަނީ ކްރިކެޓްގައި ފުންނާބު އުސް ކުރީގެ ކާމިޔާބު ކުޅުންތެރިން ކަމަށް މައުލޫމާތު ލިބެއެވެ.

2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް އަޙްމަދު ހަސަން ދީދީ ކްރިކެޓް ބޯޑުގެ ރައީސްގެ މަގާމުގައި ހުރިއިރު، ފައިސަލަކީ އޭރުގެ ނައިބު ރައީސެވެ.

ރާއްޖެއިން 2005 އަދި 2006 ވަނަ އަހަރުގެ އިމާޖިން ނޭޝަންސް ކްރިކެޓް މުބާރާތް ކާމިޔާބުކުރިއިރު ގައުމީ ޓީމަށް ކުޅުނު މިހާރުގެ ރައީސް އަފޫ އަންނަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ބޯޑުގައި އޭޝިއާ ތަމްސީލު ކުރައްވަމުންނެވެ. އެ މަގާމަށް ދެވަނަ ދައުރަކަށް އަފޫ ހޮވިވަޑައިގައިގަނެފައިވާއިރު، އޭނާގެ ދައުރު ހަމަވާނީ 2022 ވަނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުއެވެ. ކްރިކެޓުގެ ބޯޑުގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވުމަށްފަހު އަފޫ ވަނީ ދިވެހިރާއްޖެ ސަރަހައްދީ ކްރިކެޓުގެ ވަރުގަދަ ބާރަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ އިތުރުން އަންހެން ކްރިކެޓް ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ކުޅުމުގެ ފުރުސަތު ހޯދައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް