ކ. މާލެ
|
19 ސެޕްޓެންބަރ 2020 | ހޮނިހިރު 12:36
ބަޔާނާއި ޝާލްކާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 8-0 ން
ބަޔާނާއި ޝާލްކާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 8-0 ން
ގެޓީ އިމޭޖަސް
ޖަރުމަން ލީގު
ފުރަތަމަ މެޗުގައި ޗެމްޕިއަން ބަޔާނަށް ބޮޑު މޮޅެއް
ޝާލްކާ އަތުން ބަޔާން މޮޅުވީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން
މި ނަތީޖާއަކީ ޖަރުމަން ލީގުގެ އައު ސީޒަނެއްގެ ފުރަތަމަ މެޗުގައި ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާ

އައު ސީޒަނުގެ ޖަރުމަން ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ބޮޑު ގޮޅެއް ހޯދާފައެވެ.

ޖަރުމަން ލީގުގެ އައު ސީޒަން ހުކުރު ދުވަހުގެރޭ ފެށިއިރު، ފުރަތަމަ މެޗުން ބަޔާން މޮޅުވީ ޝާލްކާ އަތުން 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ޖަރުމަން ލީގު ފެށިގެން ފުރަތަމަ ހަ ހަފުތާގައި ދަނޑުތަކަށް 20 އިންސައްތަ ސަޕޯޓަރުން ވެއްދުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް، ބަޔާނުން އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗަށް ސަޕޯޓަރުން ވައްދާފައެއް ނުވެއެވެ. ބަޔާނުން މި މެޗަށް 7،500 ސަޕޯޓަރުން ދަނޑަށް ވައްދަން މީގެ ކުރިން މަސައްކަތްކުރި ނަމަވެސް، އެކަން ނުކުރަން ފަހުން ނިންމީ އެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް ކުއްލިއަކަށް އިތުރުވުމާ ގުޅިގެންނެވެ.

ޝަލްކާ އަތުން ބަޔާން ބޮޑު މޮޅެއް ހޯދިއިރު، މި ނަތީޖާއަކީ ޖަރުމަން ލީގުގެ އައު ސީޒަނެއްގެ ފުރަތަމަ މެޗުގައި ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. މި މެޗު ފަށައިގެން ވަރަށް ކުރީކޮޅު ބަޔާނުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ ސާޖް ގްނަބްރީއެވެ. އަދި މެޗުގެ 19 ވަނަ މިނެޓުގައި ލެއޯން ގޮރެޓްޒްކާ ބަޔާނަށް ލީޑު ފުޅާކޮށްދިންއިރު، މެޗުގެ 31 ވަނަ މިނެޓުގައި ބަޔާނުގެ ތިންވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކަމިޔާބުކޮށްދިނީ ރޮބާޓް ލެވަންޑޯސްކީއެވެ.

ދެވަނަ ހާފުގައި ބަޔާނުން ފަސް ލަނޑު ކާމިޔާބުކުރިއިރު، ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ގްނަބްރީ ވަނީ ބަޔާނަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 59 ވަނަ މިނެޓުގައި ގްނަބްރީ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގައި ހެޓްރިކް ހަދާފައެވެ.

ބަޔާންގެ ހަވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ތޯމަސް މުލާ ކާމިޔާބުކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބަޔާނާ އަލަށް ގުޅުނު ފޯވާޑް ލެރޯއި ސާނޭ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. އަދި މި މެޗުގައި ބަޔާނުން ޖެހި އަށްވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަމާލް މުސިއާލާއެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަޔާން ބޮޑު މޮޅެއް ހޯދިއިރު، ދެން އެޓީމުން ލީގުގައި މެޗެއް ކުޅޭނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދެވަހު ބަޔާން ނުކުންނާނީ ރަށުން ބޭރުގައި ހޮފެންހެއިމާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް