ކ. މާލެ
|
18 ސެޕްޓެންބަރ 2020 | ހުކުރު 22:43
އާސެނަލަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް
އާސެނަލަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް
ގެޓީ އިމޭޖަސް
އާސެނަލްގައި އޮޒިލްގެ ކުރިމަގު
"އޮޒިލަކީ އާޓެޓާގެ ސިސްޓަމަށް ފައްކާ ކުޅުންތެރިއެއް"
އާސެނަލާއެކު އޮޒިލްގެ ކުރިމަގު ބަނަ ކަމަށް ރައިޓް ވަނީ ބުނެފައި
ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރާތީ މީގެ ކުރިން އޮޒިލް ހިތްހަމަނުޖެހުން ފާޅުކޮށްފައި

އާސެނަލަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލަކީ އެޓީމުގެ ކޯޗު މިކޭލް އާޓެޓާ ކުޅުވަމުން އަންނަ ސިސްޓަމަށް ފައްކާ ކުޅުންތެރިއެއް ކަމަށާއި، އެކަމަކު އެފުރުސަތު އޮޒިލަށް ދޭނެހެން ހީނުވާ ކަމަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިއަން ރައިޓް ބުނެފިއެވެ.

ދާދި ފަހުން މީޑިއާގައި ވާހަކަދައްކަމުން ރައިޓް ބުނީ އޮޒިލް ޓީމެއްގައި ހުރުމަކީ އެޓީމަކަށް ލިބޭނެ ކުރިއެރުމެއް ކަމަށާއި، މެޗެއްގައި ކޮންމެ ފައްތަރަކަށްވެސް ކުޅުވަން އޮޒިލް ވަރުގެ ކުޅުންތެރިއެއް ނުލިބޭނެ ކަމަށެވެ.

ރައިޓް އިތުރަށް ބުނީ އާސެނަލާއެކު އޮޒިލްގެ ކުރިމަގު ބަނަ ކަމަށާއި، އެގޮތުން ކުރިއަށް އޮތް ތަނުގައި އޮޒިލް އާސެނަލްގައި ވިދާލާނެ ކަމާ މެދު ޝައްކު ކަމަށެވެ. އެކަމަކު އެއީ އޮޒިލްގެ ކުޅުން ދަށްކަމުން ނޫން ކަމަށާއި، އެއީ އާސެނަލްގެ އޮފިޝަލުންނަށް އެކަން ނުވިސްނޭތީ ކަމަށްވެސް ވަނީ ބުނެފައެވެ.

އޮޒިލް ވިއްކާލަން އާސެނަލުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، އޭނާ ވަނީ އާސެނަލާ ދެމެދު މައްސަލަ ޖެހުނު ސަބަބު މީގެ ކުރިން ސާފުކޮށްދީފައެވެ. އޮޒިލް ބުނީ އޭނާ އާއި އާސެނަލާ ދެމެދު މައްސަލަ ޖެހުނީ ކޮވިޑް-19 ގެ ސަބަބުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ބުނުމުން، އެކަމަށް ދެކޮޅު ހެދި ހިސާބުން ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހެދީ އާސެނަލަށް އޭނާ ކުރިމަތިކުރި ސުވާލުތަކަށް ކުލަބުން ޖަވާބުދާރީ ނުވުމުން ކަމަށްވެސް އޮޒިލް ބުންޏެވެ. އަދި ބުނީ އޭނާގެ ކެރިއަރު ހަލާކުކޮށްލުމަށް މިދިޔަ ދެ އަހަރުވެސް މީހުން މަސައްކަތް ކުރި ކަމަށާއި، އެކަމަކު އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.

އޮޒިލަކީ އާސެނަލްގައި މިވަގުތު ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއެވެ. މީގެ ކުރިން މީޑިއާތަކުން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެހެން ކުލަބަކަށް އޮޒިލް ބަދަލުވުން ނުވަތަ އެއްބަސްވުމުގައި ބާކީ އޮތް މުސާރަ ކަމަށްވާ 18 މިލިޔަން ޕައުންޑް ދިނުމަށްފަހު އޮޒިލް ދޫކޮށްލުމަށް އޭނާގެ އޭޖެންޓަށް އާސެނަލުން ހުށަހަޅާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އެކަމަކު އޮޒިލްގެ އޭޖެންޓް ބުނީ މި ސީޒަނުގައިވެސް އޮޒިލް އާސެނަލްގައި މަޑުކުރާނެ ކަމަށާއި، އޭނާ އާސެނަލް ދޫކޮށްލާނީ އާސެނަލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ކަމަށެވެ.

ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލަށް ބަދަލުވި އޮޒިލް ވަނީ އާސެނަލަށް މިހާތަނަށް ކުޅެދިން 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް