ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ވާޗުއަލް ދުވުން ކަމަށްވާ "ރަން ފޯ މޯލްޑިވްސް" ދުވުމުގައި ދުނިޔޭގެ ރިކޯޑެއް މުގުރާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ދުވުން އިންތިޒާމުކުރާ ޔުނިކްސް ސްޕޯޓިންއިން ބުނެފިއެވެ.
ޔުނިކްސް ސްޕޯޓިންއިން އިންތިޒާމުކޮށްގެން ބާއްވާ މި ދުވުން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހަކީ ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އަދި މި ދުވުމަކީ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި، ކޮވިޑް-19 ގެ ބަތަލުންނަށް ހާއްސަކޮށްގެން ބާއްވާ ދުވުމެއް ކަމަށް މައުލޫމާތުދެއެވެ.
ޔުނިކްސް ސްޕޯޓިންއިން ދާދި ފަހުން ބުނީ ރަން ފޯ މޯލްޑިވްސް ދުވުމުގެ ހަރަކާތުގައި މުގުރާލަން މަސައްކަތް ކުރަމުން އަންނަ ވޯލްޑް ރިކޯޑަކީ ވާޗުއަލްކޮށް ފަސް ކިލޯމީޓަރުގެ ދުވުމުގައި އެންމެ ގިނަ މީހުން ބައިވެރިވާ ދުވުން ކަމަށެވެ. މިހާރުގެ ރިކޯޑަކީ 6،718 މީހުން ފަސް ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވެގެން ހަދާފައިވާ ރިކޯޑެކެވެ.
ޔުނިކްސް ސްޕޯޓިންގެ މެނޭޖިންގ ޑިރެކްޓަރު ރޭޝަން ޝަރީފް "ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ދުވުމުގައި ބައިވެރިވާ ހުރިހާ މީހުންނަށް ރަން ފޯ މޯލްޑިވްސްގެ ކެޓަގަރީ މެޑަލްގެ އިތުރުން ރިކޯޑް ބްރޭކާ މެޑެއްޔެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އާންމުންނަށް މެޑަލްތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރަން ފޯ މޯލްޑިވްސް ދުވުމަށް މިހާރުވެސް ވަރަށް ބައިވަރު މީހުންގެ ތަރުހީބު ލިބެމުން އަންނަ ކަމަށާއި، އެގޮތުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުންވެސް ވަރަށް ގިނަ ބަޔަކު ދުވުމަށް ރަޖިސްޓާ ވަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން ބޭރުން 23 ގައުމަކުން ދުވުންތެރިން ބައިވެރިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރަން ފޯ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ދިވެހިންނަށް މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދުވުމުގައި ބައިވެރިވެވޭނެއެވެ. އަދި ބޭރު މީހުންނަށް އެ ފުރުސަތު އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެބ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މައުލޫމާތުދެއެވެ. މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު www.runformaldives.com އިން ލިބޭނެއެވެ.
އުމުރުން ފަސް އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ހަތަރު ކެޓަގަރީއެއް ވަނީ އެކުލަވާލާފައެވެ. އެ ކެޓަގަރީތަކަކީ 5.5 ކިލޯމީޓަރާއި، 15 ކިލޯމީޓަރާއި، 21 ކިލޯމީޓަރު އަދި 870 ކިލޯމީޓަރެވެ. މީގެ ތެރެއިން 870 ކިލޯމީޓަރަކީ ފަސް މެންބަރުންގެ ޓީމުތަކަށް ހުޅުވާލާފައިވާ ޗެލެންޖެކެވެ.
ދުވުމުގެ ބައިވެރިންނަށް ދީފައިވާ ވަކި ވަގުތެއްގެ ތެރޭގައި، ގޭގައި ޓްރެޑްމިލްގައި ނުވަތަ މަގުމަތީގައިވެސް ދުވެ ޗެލެންޖް ފުރިހަމަ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ދުވުން ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް މެޑެއްޔެއް ލިބޭއިރު، ބައިވެރިންގެ ތެރެއިން ހޮވާ ނަސީބުވެރި 10 މީހަކަށް ޔުނިކްސް ސްޕޯޓްސްގެ ޕާޓްނާ ހޮޓެލް ނުވަތަ ރިޒޯޓުތަކުން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ޔުނިކްސް ސްޕޯޓިންއިން ރަން ފޯ މޯލްޑިވްސް އިންތިޒާމުކުރާއިރު، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ "ސަނީ ސައިޑް އޮފް މޯލްޑިވްސް" އިން ވަނީ މި ދުވުން އެންޑޯސް ކޮށްފައެވެ.