ކ. މާލެ
|
18 ސެޕްޓެންބަރ 2020 | ހުކުރު 17:26
ބަޔާން މިއުނިކުން މިދިޔަ ސީޒަނުގައި ކުޅުނު މެޗެއްގެ ތެރެއިން ދަނޑު ހުސްކޮށް
ބަޔާން މިއުނިކުން މިދިޔަ ސީޒަނުގައި ކުޅުނު މެޗެއްގެ ތެރެއިން ދަނޑު ހުސްކޮށް
ގެޓީ އިމޭޖަސް
ސަޕޯޓަރުން ވެއްދުމަށް ބަޔާން ދެކޮޅު
މެޗު ބަލަން ބަޔާނުން ސަޕޯޓަރުން ދަނޑަށް ނުވައްދާނެ
ކުރިއަށް އޮތް ހަ ހަފުތާގައި 20 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވެއްދުމުގެ ހުއްދަ ވަނީ ދީފައި
ޑޯޓްމުންޑާއި، ކޮލޯނާއި، އާރްބީ ލެއިޕްޒީގް އަދި ވާޑާ ބެރެމެނުން ވަނީ ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ނިންމާފައި

އައު ސީޒަނުގެ ޖަރުމަން ލީގު ފަށާ މެޗު ބަލަން ސަޕޯޓަރުން ދަނޑަށް ނުވައްދަން ބަޔާން މިއުނިކުން ނިންމައިފިއެވެ.

އައު ސީޒަނުގެ ޖަރުމަން ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހުގެރެއެވެ. ދާދި ފަހުން ޖަރުމަންގެ ސިޔާސީ ފަރާތްތަކާއި، އެކި ސްޓޭޓްތަކުގެ ވެރިން ބޭއްވި ބައްދަލުވުމުގައި ވަނީ ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ކުރިއަށް އޮތް ހަ ހަފުތާގައި 20 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވެއްދުމުގެ ހުއްދަ ދީފައެވެ.

އެއާއެކު ބޮރޫޝިއާ ޑޯޓްމުންޑާއި، ކޮލޯނާއި، އާރްބީ ލެއިޕްޒީގް އަދި ވާޑާ ބެރެމެނުން ވަނީ ލީގުގައި އެޓީމުން ކުޅޭ ފުރަތަމަ މެޗުގައި ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ނިންމާފައެވެ.

އެކަމަކު ލީގުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާނުން ހުކުރު ދުވަހުގެރޭ ޝާލްކާއާ ދެކޮޅަށް ނުކުންނައިރު، ބަޔާނުން ވަނީ މި މެޗު ބަލަން ސަޕޯޓަރުން ދަނޑަށް ނުވައްދާނެކަން ހާމަކޮށްފައެވެ.

މިއުނިކްގެ ޑިޓާ ރައިޓާ ވިދާޅުވީ ސަޕޯޓަރުން ދަނޑަށް ވައްދުމައް ހުއްދަ ދިނުމަކީ ގޯސް ސިގްނަލެއް ކަމަށެވެ. އެކަމަކު މެޗުތައް ބަލަން ސަޕޯޓަރުން ދަނޑަށް ވަނުމަށް ކެތްމަދުވެފައި ތިބިކަން އެނގިލައްވާ ކަމަށާއި، އެކަމަކު މި ދަނޑިވަޅުގައި އިތުރު ރިސްކެއް ނެގުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އައު ސީޒަނުގެ ޖަރުމަން ލީގުގެ މެޗުތައް ބަލަން ވަކި އަދަދަކަށް ސަޕޯޓަރުން ދަނޑަށް ވައްދާއިރު، ޖަރުމަން ލީގު ވެގެންދާނީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ސަޕޯޓަރުންނަށް ދަނޑުތައް ހުޅުވާލާ ފުރަތަމަ ލީގަށެވެ. ކޮވިޑް-19 އާ ގުޅިގެން މެޗުކަނޑާލި މިދިޔަ ސީޒަނުގެ ޖަރުމަން ލީގުގެ ކުޅުން މެއި މަހުގެ 16 ވަނަ ދުވަހު ފެށިއިރު، ޖަރުމަން ލީގު ވެގެންގޮސްފައިވަނީ ކޮވިޑް-19 ގެ ބްރޭކަށްފަހު ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ކުޅުން ފެށި ފުރަތަމަ ލީގަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް