ކ. މާލެ
|
18 ސެޕްޓެންބަރ 2020 | ހުކުރު 17:04
ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް
ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް
ގެޓީ އިމޭޖަސް
ބާސާއިން ވައިނަލްޑަމަށް ފާރަލުން
ވައިނަލްޑަމް ހޯދަން ބާސާއިން މިހާތަނަށް ބިޑް ކޮށްފައެއް ނުވޭ
ބާސާއިން ހޯދަން ބޭންނވި ތިއާގޯ ވަނީ ލިވަޕޫލަށް ބަދަލުވާން އެއްބަސްވެފައި
ލިވަޕޫލުން އަންނަނީ ވައިނަލްޑަމް އެ ކުލަބުގައި ބެހެއްޓުމަށް މަސައްކަތް ކުރަމުން

ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް ހޯދަން ބާސެލޯނާއިން މިހާތަނަށް ބިޑް ކޮށްފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބާސާއިން އެޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް، އޭނާ ކުރީގެ ކުލަބު ސެއްވިޔާއަށް ވިއްކާލާފައިވާއިރު، މިހާރު އަންނަނީ ވައިނަލްޑަމް ގަތުމަށް މަސައްކަތް ކުރަމުންނެވެ. ވައިނަލްޑަމަކީ ބާސާގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަން، ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގައި އިރުޝާދު ދީފައިވާ ކުޅުންތެރިއެކެވެ.

މީގެ ކުރިން ބާސާގެ މެނޭޖުމަންޓުން ގެންދަން ބޭނުންވި ކުޅުންތެރިއަކީ ބަޔާން މިއުނިކް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާއެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ތިއާގޯ ވަނީ ލިވަޕޫލަށް ބަދަލުވުމަށް އެއްބަސްވެފައެވެ.

އެހެންކަމުން ކޫމަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ވައިނަލްޑަމް ހޯދަން ބާސާއިން މަސައްކަތް ކުރާނެ ކަމަށް ބެލެވުނު ނަމަވެސް، އަދި މިހާތަނަށް ވައިނަލްޑަމަށް ބާސާއިން ރަސްމީ ގޮތުން އެއްވެސް ބިޑެއް ކޮށްފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ލިވަޕޫލުން ވައިނަލްޑަމް އެ ކުލަބުގައި ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ތިއާގޯ ލިވަޕޫލާ ގުޅުނު ނަމަވެސް، އެ ޓީމުގެ މިހާރު އޮތް ސްކޮޑުގައި ހިމެނޭ އެއްވެސް ކުޅުންތެރިއަަކަށް އެކަމުގެ އަސަރެއް ނުކުރާނެ ކަމަށާއި، ލިވަޕޫލުން އެއްވެސް ކުޅުންތެރިއަކު ވިއްކާލަން ބޭނުންނުވާ ކަމަށެވެ.

އުމުރުން 29 އަހަރުގެ ވައިނަލްޑަމް ހޯދުމަށް ބާސާއިން މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން ލިވަޕޫލުން ވައިނަލްޑަމް ބާސާއަށް ވިއްކާނީ 15 މިލިޔަން ޕައުންޑަށެވެ. ވައިނަލްޑަމް މިވަގުތު ލިވަޕޫލްގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ.

މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑަށްވެސް ކުޅުނު ވައިނަލްޑަމް ލިވަޕޫލަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އޭނާ ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 188 މެޗުގައި 19 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕްގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ވައިނަލްޑަމްގެ ހިއްސާ ބޮޑެވެ.

ބާސާއިން ވައިނަލްޑަމް ގަތުމަށް މަސައްކަތް ކުރަމުން އަންނައިރު، އެޓީމުން ވަނީ އައު ސީޒަނަށް ޔުވެންޓަސްއަށް ކުޅުނު ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ގެނެސްފައެވެ. އަދި ބާސާއިން އަންނަނީ އެޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް