މި އަހަރުގެ ނޮވެމްބަރު މަސް އަންނަން ވާއިރަށް އާންމުކޮށް ކޮވިޑް-19 ގެ ވެކްސިން ލިބެން ހުންނާނެ ކަމަށް ޗައިނާ އިން ބުނެފިއެވެ.
ޗައިނާ އިން އަންނަނީ ވެކްސިންގެ ޓްރައަލްގައި އެތައްހާސް ބައެއް ބައިވެރި ކުރަމުންނެވެ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގައި ތިން ވެކްސިނެއްގެ ފަހު މަރުހަލާގެ ޓެސްޓްތައް ދަނީ ކުރަމުންނެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ޗައިނާ އިން ބައިނަލްއަގުވާމީ ގޮތުން ވެކްސިންގެ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން އަންނަކަމުގެ ތުހުމަތުކޮށްފައެވެ.
ޗައިނާގެ ސީޑީސީން ބުނެފައިވަނީ ކޮވިޑް ވެކްސިން ޓެސްޓް ކުރުމުގެ މަރުހަލާތައް ދަނީ ވަރަށް އޮމާންކޮށް ކަމަށާއި، މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށެވެ.
ޗައިނާގެ ސެނޯވެކް ބައޮޓެކުން ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ ކްލިނިކަލް ޓްރެއަލްގައި ކުޑަކުދިންނާއި ޓީނޭޖު ކުދިން މިމަހުގެ ފަހުކޮޅު ބޭނުން ކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ވެކްސިންގެ ފައިނަލް ސްޓޭޖްގައި މިހާރު އުޅެމުންދާއިރު ޓެސްޓް ކުރުމުގެ މަރުހަލާ އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނިން މައުލޫމާތުދޭ ގޮތުގައި މި ޓްރެއަލްތަކުގައި އުމުރުން 3 އަހަރާއި 17 އަހަރާ ދެމެދުގެ 552 ކުދިން ބައިވެރިވާނެއެވެ. ކޮންމެ ކުއްޖަކަށް ފޭސް 1 އަދި ފޭސް 2 ގެ ޓްރެއަލްތައް ކުރިއަށް ގެންދާއިރު ވެކްސިންގެ ދެ ޑޯޒް ދީގެން މިމަހުގެ 28 ވަނަ ދުވަހު ޓްރެއަލްތައް ފަށާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ސިނޯވެކް ބައޮޓެކުން ކޮވިޑް-19 އަށް އުފައްދާ ވެކްސިން ދީގެން މިހާރު ޓެސްޓްތައް ކުރަމުންދާއިރު އެ ވެކްސިނަކީ އުމުރުން ދުވަސްވީ މީހުން ބޭނުން ކުރަން ރައްކާތެރި ވެކްސިނެއް ކަމަށް ޕްރިލިމިނަރީ ނަތީޖާ އިން ވަނީ ދައްކާފައެވެ.
ޓްރެއަލްގެ މެދުތެރޭގައި އަދި އުޅޭއިރު ނަތީޖާ އިން ދައްކާ ގޮތުގައި ޒުވާނުންނަށްވުރެ އުމުރުން ދުވަސްވީ މީހުންގެ ދިފާއީ ނިޒާމު ވައިރަސް އާ ދެކޮޅަށް މަސައްކަތް ކުރާ މިންވަރު ކުޑަކޮށް ދަށެވެ. ސިނޯވެކުން ކުރިޔަށް ގެންދާ ފޭސް 1 އަދި ފޭސް 2 ގެ ޓްރެއަލްތަކުގައި އަދި މިހާތަނަށް އެއްވެސް މީހެއްގެ ފުށުން ސައިޑް އިފެކްޓްސް ނުފެންނަ ކަމަށް ނަތީޖާ އިން ދައްކައެވެ. މީގެއިތުރުން ޗައިނާއިން ޖުލައި މަހުން ފެށިގެން ހައިރިސްކު މީހުންނަށް ވެކްސިން ދެމުން އަންނަ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ ސްޓޭޓް މީޑިޔާ އިން ވަނީ ބުނެފައެވެ.