ކަންގަނާގެ އޮފީހަށް ދިން ގެއްލުމުގެ ބަދަލު ހޯދަން ދެ ކްރޯޑް ރުޕީސް ހޯދަން ބޮމްބޭ ހައި ކޯޓަށް ހުށަހަޅައިފިއެވެ.
ދާދި ފަހުން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާއި ގުޅިގެން ކަންގަނާ އަންނަނީ އޭނާއަށް އިންސާފު ހޯދައި ދިނުމުގައި އެތައް ވާހަކަތަކެއް ދައްކަމުންނެވެ. އެގޮތުން ކަންގަނާ ވަނީ ސަރުކާރާއި މުމްބާއީ ޕޮލިހުން އިހުމާލު ވެފައިވާކަމުގެ ވާހަކަތަކެއް ދައްކާފައެވެ.
މި މައްސަލަ ވަރަށް ހޫނުވެފައިވާ ދަނޑިވަޅެއްގައި މުމްބާއީގެ ޕާލީ ހިލްގައި ހުންނަ ކަންގަނާގެ އޮފީސް އިމާރާތުގެ ބައެއް ތަންތަނަކީ ގަވައިދާ ހިލާފަށް ހަދާފައިވާ ތަންތަން ކަމަށް ބުނެ ބީއެމްސީގެ ޓީމުން ވަނީ ތަޅާލާފައެވެ.
އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ކަންގަނާ ބުނެފައިވަނީ އޭނާގެ އޮފީހަކީ މިއަހަރުގެ ޖެނުވަރީ މަހު އެތައް ހަރަދެއް ކޮށްގެން ހަދާފައިވާ އޮފީހެއް ކަމަށެވެ. އަދި މިހާރު އިތުރަށް އޮފީސް މަރާމާތު ކުރަން ނުވަތަ އާ އޮފީހެއް ހަދަން އޭނާ އަތުގައި އެވަރަށް ފައިސާ ނެތް ކަމަށެވެ. ކޮރޯނާވައިރަހުގެ ސަބަބުން އަތްމަތި ވަރަށް ބޮޑަށް ވަނީ ދަތިވެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ކަންގަނާ އިތުރަށް ބުނީ އޭނާ އަށް ދީފައިވާ މި ގެއްލުމަކީ ބަޔަކު އޭނާ އަށް ޒާތީވެގެން ދީފައިވާ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި މި ގެއްލުމަކީ ކަންގަނާގެ ފާޅު ކުރި ހިޔާލުތަކެއްގެ ސަބަބުން ބަޔަކު އޭނާ އާއި މެދު ހަސަދަވެރި ވެގެން ދީފައިވާ ގެއްލުމެއް ކަމަށެވެ. ނަމަވެސް އޭނާ ހަގީގަތް ހާމަކުރަން އަދިވެސް ފަސްނުޖެހޭ ކަމަށެވެ.