17 އަހަރު ދުވަސް ވަންދެން ފޯކައިދޫ ރައްޔިތުން އޮޑިފަހަރު ހިފައިގެން ރަށުގެ ނިވަލުގައި އޮންނަން ޖެހޭ އޮތުމަށް ނިމުމެއް ގެނެސް ރައްކާތެރި ބަދަރަކަށް އެދި ދެކެމުންދިޔަ ހުވަފެނުގައި ސަރުކާރުން މިވަނީ ކުލޖައްސަން ފަށާފައެވެ. ޒަމާންތަކެއް ވަންދެން ރައްޔިތުން ތަހައްމަލުކުރަމުން ދިޔަ ހިތްދަތިކަމާއި އުނދަގުލާއި ވޭނާއި ތަހައްމަލުތަކަށް ނިމުމެއް ގެނެސް ސަރުކާރުން މިވަނީ ފޯކައިދޫ ރައްޔިތުން އެދެމުންދިޔަ ފަދަ ބަނދަރެއް ހެދުމުގެ މަސައްކަތް ފަށާފައެވެ.
މީގެ ކުރިން ހުޅުނގު މޫސުމުގެ ވިއްސާރައާއި، މޫސުން ގޯސް ދުވަސްތަކުގައި އޮޑިދޯނި ފަހަރު ހިފައިގެން ނިވަލެއް ހޯދުމަށް ރެއާއި ދުވާލު ނުނިދާ އުފުލަން ޖެހުނު ތަކުލީފަށް މިވަނީ ނިމުމެއް އަންނަން ފަށާފައެވެ. ކައިރި ރައްރަށުގެ ބަނދަރުން ޖާގައެއް ލިބޭތޯ ރަށުގެ ބޭރުގައި ނަގިލި އަޅައިގެން އޮންނަން ޖެހުނު ދިގު އިންތިޒާރަށް ވެސް މިއަދު މިވަނީ ނިމުމެއް އަންނަން ފަށާފައެވެ.
17 އަހަރު ވަންދެން ފޯކައިދޫ ރައްޔިތުން ކުރަހަމުން ދިޔަ ބަނދަރުގެ ހުވަފެނުގައި މިއަދު ކުލަޖައްސަން ފަށާފައިވަނި މި ސަރުކާރުންނެވެ. ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވާ އެ ޝަކުވާތަކަށް މާސިންގާ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ވެސް އިޖާބަ ދެއްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ފަދައިން އެކަން ރަނުން ރަނަށް ކޮށްދެއްވާން ފަށްޓަވާފައެވެ.
ފޯކައިދޫ ބަނދަރު ހެދުމަށް ބުރާސްފަތި ދުވަހު އެރަށަށް ވަނީ ހެވީ ވެހަކަލާއި ބޭނުންވާ އާލާތްތައް ޖަމާކުރަން ފަށާފައެވެ. ކޮޅުވެއްޓިއަކަށްފަހު ކޮޅުވެއްޓިއަކުން އެ ދަނީ މަސައްކަތަށް ބޭނުންވާ ސާމާނު ރަށުގެ ގޮނޑުދޮށަށް ބާލަމުންނެވެ. މި މަންޒަރު ބަލަން ތިބި އެރަށުގެ ރައްޔިތުންގެ ލޮލުން ކަރުނަ ފާއްދާލި މި މަސައްކަތަކީ ހަގީގަތުގައިވެސް ފެންބޮވައިގެނެފައިވާ މީހަކަށް ފެންފޮދެއް ލިބުމުން އެކުރެވޭ އިހުސާސްފަދަ އިހުސާސެކެވެ.
ފޯކައިދޫގައި މިހާރު ހަދާފައިވާ ބަނދަރަކީ މީގެ 17 އަހަރު ކުރިން އެރަށުގައި ހަދާފައިވާ ބަނދަރެކެވެ. ނަމަވެސް ބޭނުން ނުކުރެވި ކަނޑުއޮޅިން ނަގާ ރާޅާ ތޮޅި ހަލާކުވެ ވީރާނާވަމުންދާތަކެވެ. އެ ބަނދަރުގައި އޮޑިއެއް އަޅާފައި އޮތުމެކޭ ގަދަތޫފާނެއްގައި ބޭ އޮފް ބެންގާލުގައި ކަނޑު އެއްފުށުން އަނެއްފުޑަށް ޖަހާލާ އިރު ކުޑަ ބޮއްކުރައެއް އެ ބޮޑެތި ރާޅުތަކާއި ހަނގުރާމަކުރަމުންދާ ފަދައެވެ. އަހަރެއްގެ 9 މަސް ދުވަސް ބަނދަރުގެ ބޭނުން ނުހިފެއެވެ. ބާކީ ތިން މަހުގައި ވެސް މޫސުން ގޯސްވެއްޖެއްޔާ ފުރާނަ އަތްމައްޗަށް ލައިގެން ރައްޔިތުން ތިބެނީ މުދާގަނޑު ސަލާމަތް ކުރުމުގައެވެ.
ވޭތުވެދިޔަ ސަރުކާރުތަކުގައި މި ބަނދަރު ހެދުމުގެ ހުވަފެން އެތައް ފަހަރަކު ދައްކާ އެތައް މިލިއަން ރުފިޔާއެއް ބަޖެޓުގައި ހިމެނިއެވެ. ނަމަވެސް އެކަންކަން ވެގެން ދިޔައީ އިބިލީހުގެ ކައިވެންޏަށެވެ. ކަޑައެއް ޖަހަނުލިތަ ފައިސާއަށްވީ ނުވީއެއް ވެސް ނޭނގެއެވެ. ނިމިގެން ދިޔަ ސަރުކާރުންވެސް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ބަޖެޓުގައި ފައިސާ ހިމަނައެވެ. އަހަރު ނިމިގެންދާ އިރު އެ ފައިސާ ހަރަދުކުރި ގޮތެއްވެސް ފެންނަން ނެތެވެ.
ފޯކައިދޫ ބަނދަރުގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުފުޅާއެކު ށ. ފޯކައިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހުއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އޯ.އޯ، ޝާހިދު ހުސެއިން މޫސާއެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 507 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 464 މީޓަރ އެއްގަމުތޮށި ޖެހުމާއި، 2320 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުމާއި، 12 މޫރިން ބްލޮކްސް ޖެހުމާއި، 39,995 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 4,000 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، 100 މީޓަރ ރިވެޓްމަންޓް ޖެހުމާއި 2 ނެރުބައްތި ޖެހުމުގެ އިތުރުން 24 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.
55,974,940.88 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 500 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫއާއި ގުޅޭ ގޮތުން ފޯކައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިއީ 17 އަހަރުގެ ދިގު އިންތިޒާރެއްގެ ނިމުން ކަމަށާއި، މި މަސައްކަތަކީ މުޅި ރަށުގެ އިގްތިސާދީ އިޖްތިމާއީ ކަންކަމާއި ގުޅިފައިވާ ކަމެއް ކަމަށެވެ.
އެރަށުގެ ރައްޔިތުން މިކަމާއި ދޭތެރޭގައި ދެކޭ ގޮތް ވަރަށް ވެސް ތަފާތެވެ. ރައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރުގެ ނިމުން ހަގީގަތަށްވާތަން ފެނިގެން ދިއުމަކީ އެ ރައްޔިތުންގެ އުއްމީދުކަމަށް ފޯކައިދޫން ރާއްޖެ ޓީވިއާއި ވާހަކަ ދެއްކި މީހުން ބުނެއެވެ.