ބަޔާން މިއުނިކް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އިނގިރޭސި ޗެމްޕިއަން ލިވަޕޫލަށް ބަދަލުވުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 29 އަހަރުގެ ތިއާގޯ ބަޔާނާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަަލަށް ހަމަވާއިރު، އޭނާ ވަނީ ކުލަބު ބަދަލުކުރަން ބޭނުންވާކަން އަންގާފައެވެ. އެގޮތުން ބަޔާނުން ތިއާގޯގެ އެއްބަސްވުން އާކުރަން ގިނަ މަސައްކަތްތަކެއްކުރި ނަމަވެސް އޭނާ އެކަމަށް އެއްބަސް ވެފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ތިއާގޯ ވިއްކާލަން އެންމެ ފުރަތަމަ ބަޔާނުން ކީ އަގަކީ 40 މިލިޔަން ޔޫރޯއެވެ. އެކަމަކު ތިއާގޯގެ އެއްބަސްވުމުގައި ބާކީ އެންމެ އަހަރެއް އޮތުމާއެކު 40 މިލިޔަން ޔޫރޯ ދައްކަން ލިވަޕޫލުން ވަނީ ދެކޮޅު ހަދާފައެވެ. އެހެންކަމުން ބަޔާނުން ތިއާގޯގެ އަގު ކުޑަކުރިއިރު، ދާދި ފަހުން މީޑިއާތަކުން ވަނީ 30 މިލިޔަން ޔޫރޯއަށް ތިއާގޯ ލިވަޕޫލަށް ވިއްކާލަން ބަޔާނުން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި ލިވަޕޫލާއެކު ތިއާގޯ ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. ލިވަޕޫލަށް ބަދަލުވާން ތިއާގޯ އެއްބަސްވި ކަމަށް ރިޕޯޓުކުރިއިރު، އޭނާ ހޯދުމަށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބަޔާން ދޫކޮށް ލިވަޕޫލަށް ބަދަލުވާން ތިއާގޯ އެއްބަސްވި ކަމަށް ރިޕޯޓުތައް ބުނިއިރު، 2013 ވަނަ އަހަރު 25 މިލިޔަން ޔޫރޯއަށް ބަޔާނށާ ގުޅުނުޖ ތިއާގޯ އަންނަނީ އެ ކުލަބުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ބަޔާންގައި މިހާތަނަށް ހޭދަކުރި ހަތް ސީޒަނުގައި ތިއާގޯ ވަނީ 235 މެޗު ކުޅެދީ 31 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ބަޔާނާއެކު ޖަރުމަން ލީގު ހަތް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.
ތިއާގޯ ހޯދުމަށް ލިވަޕޫލުން މަސައްކަތް ކުރަމުން އަންނައިރު، އޭނާގެ އިތުރުން ލިވަޕޫލުން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ލީޑްސް ޔުނައިޓެޑަށް މިދިޔަ ސީޒަނުގައި ކުޅުނު ޒުވާން ޑިފެންޑަރު ބެން ވައިޓް އާއި ވަޓްފޯޑްގެ އިސްމާއިލް ސާ ހިމެނެއެވެ. ލިވަޕޫލުން މިހާތަނަށް މި ޓްރާންސްފާ ބާޒާރުގައި ގެނައި ހަމައެކަނި ކުޅުންތެރިއަކީ އޮލިމްޕިއާކޯސްގެ ޑިފެންޑަރު ކޮސްޓަސް ޓިމިސްކަސްއެވެ.