ކ. މާލެ
|
17 ސެޕްޓެންބަރ 2020 | ބުރާސްފަތި 14:26
ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް
ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް
ގެޓީ އިމޭޖަސް
ބާސާގައި ސުއަރޭޒްގެ ކުރިމަގު
ބާސާގައި މަޑުކޮށްފިނަމަ ސުއަރޭޒަށް ފުރުސަތު ލިބޭނެ: ކޫމަން
ބާސާއިން ކުޅުނު އެކުވެރިކަމުގެ ދެ މެޗަށްވެސް އެކުލަވާލި ސްކޮޑުން ސުއަރޭޒަށް ފުރުސަތު ދީފައެއް ނުވޭ
ސުއަރޭޒް ހޯދުމަށް ޔުވެންޓަސް އާއި އެތުލެޓިކޯ މެޑްރިޑުން އަންނަނީ މަސައްކަތް ކުރަމުން

މި ސީޒަނުގައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ބާސެލޯނާގައި މަޑުކޮށްފިނަމަ އޭނާއަށް އެ ޓީމުން ފުރުސަތު ލިބޭނެ ކަމަށް އައު ކޯޗު ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ބުނެފިއެވެ.

މީގެ ކުރިން މީޑިއާތަކުން ވަނީ ސުއަރޭޒް ވިއްކާލުމަށް ބާސާއިން އަމާޒުހިފާފައިވަނީ ސުއަރޭޒްގެ އުމުރު ދޮށިވުމާއި، ބާސާގެ އައު ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުގައި ސުއަރޭޒް ނުހިމެނޭތީ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި ޕްރީ-ސިޒަންގައި ބާސާއިން ކުޅުނު އެކުވެރިކަމުގެ ދެ މެޗަށްވެސް އެކުލަވާލި ސްކޮޑުން ސުއަރޭޒަށް ފުރުސަތު ދީފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 33 އަހަރުގެ ފޯވާޑް ހޯދުމަށް ޔުވެންޓަސް އާއި އެތުލެޓިކޯ މެޑްރިޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މީޑިއާތަކުން ވަނީ ސުއަރޭޒް ޔުވެންޓަސްއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދަން ނިންމި ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު އެ ވާހަކަތަކަށް އިޝާރާތްކޮށް ސުއަރޭޒް އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި މީގެ ކުރިން ބުނެފައިވަނީ އެއީ "ފޭކް" ޚަބަރެއް ކަމަށެވެ.

ބުދަ ދުވަހުގެރޭ ބާސާއިން ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު ދިން އިންޓަވިއުއެއްގައި ކޫމަން ބުނީ ބާސާގައި މަޑުކުރަން ސުއަރޭޒް ނިންމައިފިނަމަ، އޭނާއަށް ޓީމުން ފުރުސަތު ލިބޭނެ ކަމަށާއި، އޭނާ ބާކީ ނުކޮށްލާނެ ކަމަށެވެ. އަދި ސުއަރޭޒްގެ ކުރިމަގާ މެދު އޭނާއާ ވާހަކަ ދެއްކި ކަމަށާއި، އޭނާ ޓީމުގައި މަޑުކުރާނަމަ އެއީ ޓީމަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށްވެސް ކޫމަން ބުންނެވެ.

ސުއަރޭޒް މިވަގުތު ބާސާގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބާސާއިން ސުއަރޭޒް ވިއްކާލަން އުޅޭ ކަމަށް ރިޕޯޓުތައް ބުނާއިރު، އެޓީމުން އަންނަނީ ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ބާސާއިން ސުއަރޭޒް ވިއްކާލުމަށް މަސައްކަތް ކުރަމުންދާއިރު، ލިވަޕޫލް ދޫކޮށް 2014 ވަނަ އަހަރު 65 މިލިޔަން ޕައުންޑަށް ބާސާއާ ގުޅުނު ފޯވާޑް ވަނީ މިހާތަނަށް ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސުއަރޭޒް މިހާތަނަށް ބާސާއަށް ކުޅެދިން 283 މެޗުގައި 198 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް