ކ. މާލެ
|
17 ސެޕްޓެންބަރ 2020 | ބުރާސްފަތި 13:16
ޕީއެސްޖީ އާއި މެޓްޒް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 1-0 ން
ޕީއެސްޖީ އާއި މެޓްޒް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ޕީއެސްޖީން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި
މެޓްޒް އަތުން ޕީއެސްޖީ މޮޅުވީ 1-0 ގެ ނަތީޖާއަކުން
މީގެ ކުރިން ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ޕީއެސްޖީ ވަނީ ބަލިވެފައި

މި ސީޒަނުގެ ފްރެންޗް ލީގުގެ ފުރަތަމަ މޮޅު އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ހޯދައިފިއެވެ.

ލީގުގެ ފުރަތަމަ މޮޅު ޕީއެސްޖީން ހޯދީ ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި މެޓްޒް އަތުން ފަހު ވަގުތު 1-0 ން މޮޅުވެގެންނެވެ. މީގެ ކުރިން ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުންވެސް ޕީއެސްޖީ ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓްވި ލެންސް އަތުން ބަލިވިއިރު، ދެވަނަ މެޗުން ބަލިވީ މާސޭ އަތުންނެވެ. މިއީ މިދިޔަ 41 އަހަރު ތެރޭ ލީގުގެ ފުރަތަމަ ދެ މެޗުން ޕީއެސްޖީ ބަލިވި ފުރަތަމަ ފަަހަރެވެ.

ލީގުގައި ކުޅުނު ތިންވަނަ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ޕީއެސްޖީގެ ތަރި ނޭމާ އާއި ލެއަންޑްރޯ ޕަރެޑެސް ކުޅެފައެއް ނުވެއެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭވެސް ކުޅެފައެއް ނުވެއެވެ.

މި މެޗުގެ 65 ވަނަ މިނެޓުގައި ޕީއެސްޖީގެ އަބްދޫ ޑިއާލޯއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. މި މެޗުން ޕީއެސްޖީ މޮޅުވީ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޖޫލިއަން ޑްރެކްސްލާ ކާމިޔާބުކުރި ލަނޑުންނެވެ.

މި މޮޅާއެކު ލީގު ތާވަލުގައި ޕީއެސްޖީ އޮތީ 15 ވަނައިގައެވެ. އެޓީމަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ. ޕީއެސްޖީ އަތުން ބަލިވި މެޓްޒް އޮތީ ތާވަލުގެ 18 ވަނައިގައެވެ. އެޓީމަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ލީގުގެ ފުރަތަމަ މޮޅު ޕީއެސްޖީން ހޯދިއިރު، ލީގުގައި ދެން ޕީއެސްޖީން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރުއެވެ. އެ ދުވަހު ހަވީރު ޕީއެސްޖީ ނުކުންނާނީ ނީސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް