ލަންކާ އަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މެރިޓައިމް ހަބް އަށް ވެވޭނެ ކަމަށް އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ވިދާޅުވެއްޖެއެވެ.
ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ރައީސް ގޮތަބަޔާ ވަނީ ލަންކާ ގުދުރަތީ ގޮތުން އޮންނަ ހިސާބުގެ ސަބަބުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މެރިޓައިމް ހަބްއަށް ވުމުގެ ފުރުސަތު އެގައުމަށް އެބައޮތެވެ.
އެގޮތުން އެގައުމުގެ ތެރައްގީ އަވަސް ކުރުމަށް ގައުމުގެ ޕޯޓްތައް ތަރައްގީ ކުރުން މުހިންމު ކަމަށް ގޮތަބަޔާ ވިދާޅުވިއެވެ. ޕޯޓްތައް އެންމެ ފުރިހަމައަށް ތަރައްގީ ކުރެވުމުން ދުނިޔޭގެ އެންމެ ބޮޑެތި ކާގޯ ޝިޕްތައް ލަންކާގެ ޕޯޓަށް ކައިރި ކުރާނެ ކަމަށް ގޮތަބަޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޕޯޓްތައް ތަރައްގީ ކުރާ އިރު، ބައިނަލްއަގްވާމީ ކާގޯ ޝިޕްތަކަށް ޕޯޓަށް އާދެވޭނެ ނުވަތަ އަންނާނެ ފެންވަރަށް ތަރައްގީކުރުން މުހިންމު ކަމަށާއި ހަމަ އެއާއެކު ލަންކާގެ ހުރިހާ ސަރަހައްދެއްގައި ހުރި ޕޯޓްތައް ވެސް މިގޮތަށް ތަރައްގީ ކުރެވިގެން ދާންޖެހޭނެ ކަމަށް ވެސް ރައީސް ގޮތަބާޔާ ވިދާޅުވިއެވެ.
ރައީސް ގޮތަބަޔާ ވަނީ އެގައުމުގެ މިހާރުގެ އަމާޒަކީ ޕޯޓްތަކުގެ ރީޝިޕްމެންޓް ހޭންޑްލިން ކެޕޭސިޓީ އާއި ވެއާހައުސް ފެސިލިޓީގެ އިތުރުން ސަޕްލައި ފެސިލިޓީތަކާއި ކޮންޓެއިނަރ ޓަރމިނަލް ތައް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގ ކުރުން ކަމަށެވެ.