އިންޑިއާގެ މުމްބާއީ އެއާޕޯޓުން މިހާރު ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ކަމަށް އެ އެއާޕޯޓް އިން ބުނެފިއެވެ.
މުމްބާއީ އެއާޕޯޓުން މައުލޫމާތުދޭ ގޮތުގައި އެ އެއާޕޯޓަށް ދާ ހުރިހާ ދަތުރުވެރިންނަށް އެއާޕޯޓުން އާރްޓީ-ޕީސީއާރު ޓެސްޓް ހެދޭނެއެވެ. އަދި މި ޓެސްޓުގެ ނަތީޖާ އަށް ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
އެކުންފުނިން ވަނީ ޓްރާންސިޓް ކޮށް ދަތުރުކުރާ ފަރާތްތައް ވެސް ދެވަނަ ފްލައިޓުން ޖާގަ ހޯދާ އިރު، އަށް ގަޑި އިރު ނުވަތަ 12 ގަޑިއިރު ފަހުން އޮންނަ ފްލައިޓަކުން ޖާގަ ހޯދުމަށް އިލްތިމާސްކޮށްފައެވެ.
މުމްބާއީ އެއާޕޯޓްގައި ތަރައްގީކުރެވިގެން ދިޔަ ޓެސްޓިން ނިޒާމަކީ އެ އެއާޕޯޓުން ދަތުރުކުރާ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ދަތުރުވެރިންނަށް ބޭނުން ކުރެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ނިޒާމެކެވެ. އެގޮތުން ޓެސްޓު ނެގުމަށް ފަހު ސާމްޕަލް ލިބެންދެން އެ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ވެއިޓިން ލައުންޖުގައި ތިބެވޭނެ ކަމަށާއި އެ ލައުންޖުން ކެއުން ބުއިމުގެ ކަންތައްތައް ވެސް ހަމަޖައްސައިދޭނެ ކަމަށް އެއާޕޯޓުން ބުނެއެވެ. އަދި އެއާޕޯޓް ކައިރިން ހޮޓެލް ތަކުގައި ތިބެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ދޭނެ ކަަމަށް ބުނެއެވެ.
މުމްބާއީ އެއާޕޯޓުން ބުނީ އެއާޕޯޓުގައި ޓެސްޓު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރީސަރޗް އަދި ނެޝަނަލް އެކްރެޑިޓޭޝަން ފޮރ ޓެސްޓިން އެންޑް ކެލިބްރޭޝަން ލެބޯޓަރީސްގެ އެއްބާރުލުމާއި އެކު ކަމަށެވެ. މި ޓެސްޓުގެ އަކަކީ 1،600 އިންޑިއަން ރުޕީސްއެވެ.