ކ. މާލެ
|
14 ސެޕްޓެންބަރ 2020 | ހޯމަ 22:51
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް
ގެޓީ އިމޭޖަސް
ޔުނައިޓެޑުން ބޭލަށް ފާރަލުން
ސަންޗޯ ނުލިބިއްޖެނަމަ ޔުނައިޓެޑުން ބޭލް ގެންނަނީ
ސަންޗޯ ވިއްކަން ކިޔާ އަގު ދައްކަން ޔުނައިޓެޑުން ބޭނުމެއް ނުވޭ
ޔުނައިޓެޑުން ބޭލް ހޯދާނީ ލޯނު އެއްބަސްވުމެއްގެ ދަށުން
ރެއާލާއެކު ބޭލް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ ނުލިބިއްޖެނަމަ، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 20 އަހަރުގެ ސަންޗޯ ޔުނައިޓެޑަށް ވިއްކަން ޑޯޓްމުންޑުން ކަނޑައަޅާފައިވާ އަގަކީ 110 މިލިޔަން ޕައުންޑެވެ. އެކަމަކު ކޮވިޑް-19 ގެ މި ދަނޑިވަޅުގައި އެ އަދަދު އެއްފަހަރާ ދެއްކުމަށް ޔުނައިޓެޑުން ބޭނުންނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު ޑޯޓްމުންޑްގެ ސްޕޯޓިންގ ޑިރެކްޓަރު މައިކަލް ޒޯކް ވަނީ މި ސީޒަނުގައި ސަންޗޯ އެ ކުލަބުގައި ހިމަނަން ރާވާފައިވާ ކަމަށާއި، މިއީ ފަހުގެ ނިންމުން ކަމަށް ބުނެފައެވެ.

އެހެންކަމުން ސަންޗޯގެ ބަދަލުގައި ތަޖުރިބާކާރު ކުޅުންތެރިއެއް ހޯދަން ޔުނައިޓެޑުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، އެގޮތުން އެޓީމުގެ މެނޭޖުމަންޓުން ގެންނަން އެންމެ ބޭނުންވާ ކުޅުންތެރިއަކީ ބޭލް ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އުމުރުން 31 އަހަރުގެ ފޯވާޑް ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުންދަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ރެއާލަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުއެވެ. އެކަމަކު މި ފަހަކަށް އައިސް ރެއާލްގެ ފުރަތަމަ އެގާރައިން ބޭލްއަށް ޖާގައެއް ނުލިބެއެވެ.

ދާދި ފަހުން ބޭލް ވަނީ ރެއާލް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން މަސައްކަތްކުރި ކަމަށާއި، އެކަމަކު އެކަން ނުވީ ރެއާލުން އެކަމަށް ހުރަސް އެޅުމުން ކަމަށް ބުނެފައެވެ. އަދި ބޭލް ވަނީ ރެއާލުން ދޫދޭނަމަ، އިނގިރޭސި ޕްރިމިއާ ލީގަށް އަލުން ބަދަލުވާން ބޭނުންވާ ކަމަށްވެސް ބުނެފައެވެ.

މި ފަހަކަށް އައިސް ރެއާލްގެ ފުރަތަމަ އެގާރައިން ބޭލްއަށް ޖާގަ ލިބިފައިނުވާއިރު، މިދިޔަ ސީޒަނުގައި ބޭލް ރެއާލްގެ ޖާޒީގައި ފެނިގެން ގޮސްފައިވަނީ އެންމެ 14 މެޗުގައެވެ. މީގެ ކުރިން ރެއާލްގައި ބޭލް މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ރެއާލްއާއެކު ޖުމްލަ 12 ތަށި ހޯދާފައެވެ. އަދި ވަނީ ރެއާލްއަށް ކުޅެދިން 251 މެޗުގައި 105 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް