ފްރެންޗް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ކުޅުނު ދެވަނަ މެޗުގައި މާސޭ އަތުންވެސް ބަލިވިއިރު، މެޗުގެ ފަހު ވަގުތު ހިނގައިދިޔަ ހަަމަނުޖެހުންތަކުގެ ތެރޭގައި ފަސް ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައިފިއެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ޕީއެސްޖީ ވަނީ އަލަށް ޕްރޮމޯޓްވި ލެންސް އަތުން 1-0 ން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި އާދީއްތަ ދުވަހުގެރޭ ޕީއެސްޖީ ބަލިވީ މާސޭ އަތުން 1-0 ންނެވެ. މިއީ މިދިޔަ 41 އަހަރު ތެރޭ ލީގުގެ ފުރަތަމަ ދެ މެޗުން ޕީއެސްޖީ ބަލިވި ފުރަތަމަ ފަަހަރެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގައި މި މަހުގެ ކުރީކޮޅު ކޮވިޑް-19 އަށް ޕޮޒިޓިވްވި ފޯވާޑް ނޭމާ އާއި، ފޯވާޑް އެންހެލް ޑި މަރިއާ އަދި މިޑްފީލްޑަރު ލެއަންޑްރޯ ޕަރެޑެސް ވަނީ ކުޅެފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މާސޭއިން ކާމިޔާބުކޮށްފައިވަނީ މެޗުގެ 31 ވަނަ މިނެޓުގައެވެ. ޑިމިޓްރީ ޕަޔެޓްގެ އެހީއާއެކު މި ލަނޑު މާސޭއަށް ކާމިޔާބުކޮށްދިނީ ފްލޯރިއަން ތޯވާންއެވެ.
މި މެޗުގައި ފަސް ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކީ މެޗުގެ އިތުރު ވަގުތުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި މާސޭގެ ޑާރިއޯ ބެނެޑޭޓޯ އާއި ޕީއެސްޖީގެ ޕަރޭޑޭސް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ދެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުމެއް ހިނގުމާ ގުޅިގެން އެ ވަގުތު ދެ ޓީމުގެ ކުޅުންތެރިން އެއްވެ އުޅުނު ވަގުތު ވަނީ އިތުރު ހަމނުޖެހުންތަކެއް ހިނގާފައެވެ. އެގޮތުން އެ ވަގުތު ޕީއެސްޖީގެ ލަވިން ކުރްޒާވާ އާއި މާސޭގެ ޖޯޑަން އަމާވީ ވަނީ އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކު ގައިގައި ޖަހާފައެވެ. މި ކަންތައްތައް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) މެދުވެރިކޮށް ބަލައި ރެފުރީ ވަނީ ޕަރޭޑޭސް އާއި، ކުރްޒާވާ އާއި، އަމާވީ އާއި، ނޭމާ އަދި ބެނެޑޭޓޯއަށް ރަތް ކާޑު ދައްކާފައެވެ.
މީގެ ތެރެއިން ޕަރޭޑޭސް އާއި ބެނެޑޭޓޯއަށް ރަތް ކާޑު ދެއްކީ ދެވަނަ ރީނދޫ ކާޑާއެކުއެވެ. އަދި ނޭމާއަށް ރަތް ކާޑު ދެއްކީ މާސޭގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒް ބޮލުގައި އަތުން ޖެހުމުންނެވެ.
ލީގުގައި ކުޅުނު ދެވަނަ މެޗުންވެސް ޕީއެސްޖީ ބަލިވިއިރު، ލީގުގައި ދެން ޕީއެސްޖީން މެޗެއް ކުޅޭނީ އަންނަ ބުދަ ދުވަހުގެރޭއެވެ. އެރޭ ޕީއެސްޖީ ނުކުންނާނީ މެޓްޒްއާ ދެކޮޅަށެވެ.