އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ޝަރަފު އޮތް އެމްއެންޑީއެފްގެ ނަސްރުﷲ އަޙްމަދު އޭނާގެ 58 ވަނަ މެރެތަން ފުރިހަމަކޮށްފިއެވެ.
ނަސްރު އޭނާގެ 58 ވަނަ މެރެތަން ފުރިހަމަކުރީ ހުޅުމާލޭގައި ހުކުރު ދުވަހު ބޭއްވި މިޒުނޯ އެކިޑެން ސިންގަޕޯ ވާޗުއަލް ދުވުމުގައެވެ. މި ދުވުން ވާޗުއަލްކޮށް ބޭއްވީ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ދަތުރުކުރެވެން ނެތުމުންނެވެ. މެރެތަން ރަނާސް ކުލަބުން ރާއްޖޭގައި ބޭއްވި މި އިވެންޓް އިންތިޒާމުކޮށްފައިވަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެހީއާއެކުއެވެ. ރޫޓް އެޕްރޫވްކޮށް ޓެކްނިކަލް ކަންކަން ބެލެހެއްޓީ އެސޯސިއޭޝަނުންނެވެ.
ނަސްރު މި މެރެތަން ފުރިހަމަކުރީ 3 ގަޑި 39 މިނެޓުންނެވެ. މިއީ މި އަހަރުގެ ފެބްރުއަރީ މަހު ނިއު ދިއްލީ މެރެތަންގައި ދުވި ފަހުން ނަސްރު ޖެހި ފުރަތަމަ މެރެތަނެވެ.
މިދިޔަ ހުކުރު ދުވަހު ނަސްރު އޭނާގެ 58 ވަނަ މެރަތަން ފުރިހަމަކުރިއިރު، އޭނާ 50 މެރެތަން ހަމަކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެއީ ބެންގަލޫރު އިންޓަނޭޝަނަލް މެރެތަންގައި ދުވެގެންނެވެ.
މިއަހަރުގެ ތެރޭގައި އިތުރު 18 މެރެތަން ޖެހުމަށް ނަސްރު މީގެ ކުރިން އަމާޒުހިފި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އެކަން ދެން ކާމިޔާބެއް ނުވާނެއެވެ. ނަސްރު ވަނީ މިދިޔަ އަހަރު އެކަނިވެސް 13 މެރެތަން ދުވެފައެވެ.
ސިފައިންގެ ސްޓާފް ސާޖަންޓް، ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅުއެވެ. އަދި އޭގެ ފަހުން 2008 ގައި އޮތް އެމްޓީސީސީ މެރަތަން ރޭސް 4 ގަޑިއިރަށް ވުރެ އަވަހަށް ނިންމުމުން، ދިގު ރާސްތާ ދުވުންތަކުގައި އޭނާ ފާހަގަކޮށްލެވުނެވެ.