ކ. މާލެ
|
13 ސެޕްޓެންބަރ 2020 | އާދީއްތަ 12:51
ޔޫއެސް އޯޕަން ކާމިޔާބުކުރި ޖަޕާނުގެ ނައޯމީ އޮސާކާ
ޔޫއެސް އޯޕަން ކާމިޔާބުކުރި ޖަޕާނުގެ ނައޯމީ އޮސާކާ
ގެޓީ އިމޭޖަސް
ޔޫއެސް އޯޕަން ޓެނިސް މުބާރާތް
ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން އޮސާކާ ދެވަނަ ފަހަރަށް ހޯދައިފި
އޮސާކާ މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކޮށްފައިވަނީ 2018 ވަނަ އަހަރު
ފައިނަލް މެޗުން އޮސާކާ މޮޅުވީ އަޒަރެންކާ އަތުން ފަހަތުން އަރައި 2-1 ސެޓުން

ފައިނަލް މެޗުގައި ބެލަރޫސްގެ ވިކްޓޯރިއާ އަޒަރެންކާ ބަލިކޮށް، ޖަޕާނުގެ ނައޯމީ އޮސާކާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދައިފިއެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އުމުރުން 22 އަހަރުގެ އޮސާކާ ހޯދިއިރު، އެނާ މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.

މިއަހަރުގެ މުބާރާތުގެ ފައިންލަގައި އޮސާކާއާ ވާދަކުރި އުމުރުން 31 އަހަރުގެ އަޒަރެންކާ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި މަޝްހޫރު ޓެނިސް ތަރި ސެރީނާ ވިލިއަމްސް ކަޓުވާލުމަށްފަހުއެވެ. އަދި މިއީ ހަތް އަހަރު ތެރޭ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ފައިނަލުގައި އަޒަރެންކާ ކުޅުނު ފުރަތަމަ ފަހަރެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު ހޮނިހިރު ދުވަހުގެރޭ ކުޅުނުއިރު، ފައިނަލް މެޗުން އޮސާކާ މޮޅުވީ އަޒަރެންކާ އަތުން ފަހަތުން އަރައި 2-1 ސެޓުންނެވެ. މި މެޗުުގެ ފުރަތަމަ ސެޓު ފަސޭހަކަމާއެކު 6-1 ން އަޒަރެންކާ ވަނީ ގެންގޮސްފައެވެ. އެކަމަކު އަނެއް ދެ ސެޓުގައި އޮސާކާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އަނެއް ދެ ސެޓު އޮސާކާ ކާމިޔާބުކުރީ 6-3 އަދި 6-3 ންނެވެ.

މި މޮޅާއެކު އޮސާކާ ވަނީ ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލެއްގައި ބަލިނުވުމުގެ ރިކޯޑު ދެމަހައްޓާފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ޔޫއެސް އޯޕަން އޭނާ ކާމިޔާބުކުރިއިރު، މިދިޔަ އަހަރު އޮތް އޮސްޓްރޭލިއަން އޯޕަންވެސް އޮސާކާ ވަނީ ކާމިޔާބުކޮށްފައެވެ.

ޓެނިހުގައި އޮސާކާ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނައިރު، އޭނާ އަކީ މިވަގުތު ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު އަންހެން ކުޅިވަރު ކުޅުންތެރިޔާއެވެ. އެގޮތުން މެއި މަހު ފޯބްސް މަޖައްލާއިން ހާމަކުރި ގޮތުގައި އޮސާކާއަށް ވަނީ 37.4 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް