ކ. މާލެ
|
13 ސެޕްޓެންބަރ 2020 | އާދީއްތަ 07:25
އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ
އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ
ގެޓީ އިމޭޖަސް
ސިމިއޯނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުން
އެތުލެޓިކޯގެ ކޯޗު ސިމިއޯނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
ސިމިއޯނީ ވައިރަހަށް ޕޮޒިޓިވްވީ ހުކުރު ދުވަހު ހެދި ޕީސީއާރް ޓެސްޓުން
ސިމިއޯނީގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވޭ

އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ސިމިއޯނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން ހޮނިހިރު ދުވަހުގެރޭ އެތުލެޓިކޯއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހުކުރު ދުވަހު ހެދި ޕީސީއާރް ޓެސްޓުތަކުން ސިމިއޯނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެހެންކަމުން އޭނާ މިހާރު އަމިއްލަ ގޭގައި އައިސޮލޭޓް ވެފައިވާ ކަމަށެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް، ސިމިއޯނީގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ސިމިއޯނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، މީގެ ކުރިން މި މަހުގެ ކުރީކޮޅު އެތުލެޓިކޯއަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އާއި ކޮލަމްބިއާގެ ޑިފެންޑަރު ސަންޓިއާގޯ އަރިއަސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ހުކުރު ދުވަހު އެ ކުލަބުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް އަލުން ޓެސްޓުކުރީ، މިދިޔަ ބުރާސްފަތި ދުވަހު އެތުލެޓިކޯގެ އޮފިޝަލަކު ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ސްޕެނިޝް ލީގުގެ އައު ސީޒަން މިދިޔަ ބުރާސްފަތި ދުވަހު ފަށާފައިވީ ނަމަވެސް، މި ހަފުތާގައި އެތުލެޓިކޯއިން މެޗެއް ކުޅުމަށް ތާވަލުކޮށްފައެއް ނުވެއެވެ. އެއީ މިދިޔަ އޮގަސްޓް މަހު އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ ވާދަކުރުމާ ގުޅިގެންނެވެ.

އެގޮތުން ލީގުގައި އެތުލެޓިކޯއިން މެޗެއް ކުޅޭނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހު އެތުލެޓިކޯ ނުކުންނާނީ ގްރަނާޑާއާ ދެކޮޅަށެވެ. އެކަމަކު އޭގެ ކުރިން އަންނަ އަންގާރަ ދުވަހު އެކުވެރިކަމުގެ މެޗެއްގައި އެތުލެޓިކޯއިން ކަޑީއާ ދެކޮޅަށް ނުކުންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް